ސިޔާސީ ގޮތުން ފިކުރު ތަފާތުވި ނަމަވެސް، ޤައުމުގެ އިޤްތިޞާދު ކުރިއެރުވޭނީ ހުރިހާ ފަރާތްތަކެއް އެއްބަސްވެ، އެކަތިގަނޑަކަށް ވެގެން ކުރެވޭ މަސައްކަތުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ "އައްޑޫ ބިޒްނަސް ޑައިލޮގް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޑައިލޮގަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ބައްދަލުވުމެއް ކަމަށެވެ.
މި ޑައިލޮގްގެ ތެރެއިން އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން އެކުލަވާލާ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ކަރުދާހާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އައްޑޫގެ ތަރައްޤީއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެންހުރި ހުރިހާ ކަމެއް ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މިއީ އައްޑޫގެ ތަރައްޤީ ހަލުވިކުރުމަށްޓަކައި (އެކްސަލަރޭޓަޑް) ފެށި މަސައްކަތެއް ކަމަށެވެ. "އައްޑޫ 2027، 28، 29، އައްޑޫގަ ކުރާނެ ކަންތައްތަކެއް. އައްޑޫގެ ރައްޔިތުން، އައްޑޫގެ ވިޔަފާރިވެރިންގެ ހިތްޕުޅުގައި އެބޭފުޅުންނަށް އެނގޭނެ އައްޑުއަށް ދިމާވާ ދަތިތައް. ހުރި ދަތިތައް. ގޮންޖެހުންތައް. ހުރަސްތައް. އެ ހުރަސްތައް، ދަތިތައް، ގޮންޖެހުންތައް އޯވަކަމްކޮށްފައި ކުރިއަށްދެވޭނެ ގޮތްތަކަކީ މިހިރަ ފެންނަނީއޭ. ސަރުކާރުން މިކަންކަން ކޮށްދޭށޭ. ނުވަތަަ ސަރުކާރުން މިކަންކަން ކޮށްދީނީމަ ތިމަންނަމެނަށް ތިމަންނަމެންގެ ސްޕީޑުގައި ކުރިއަށްދެވޭނެއޭ. މި ވިސްނުން އަޅުގަނޑުމެން ބޭނުންވަނީ،" ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އައްޑޫގެ އިޤްތިޞާދު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ޑައިލޮގަކީ ސިޓީގެ ވިޔަފާރިވެރިންނާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ސީދާ ސަރުކާރަށް ލިބިގެންދާނެ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.