ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ނުވަތަ މީސްލްސްގެ ދެ ކޭސް މާލެ ސަރަޙައްދުން ފެނިއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މި ކޭސްތައް ފެނިފައިވަނީ މި ހިނގާ ހަފްތާގެ ތެރޭގައި ކަމަށެވެ.
މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން، އާންމުކޮށްވެސް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ އެޖެންސީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ބައްޔަށް ޕޮޒިޓިވްވި މީހުންނާ ދިމާވި ފަރާތްތައް ނުވަތަ ކޮންޓެކްޓުން ދެނެގަނެ، އެ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. މިއީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 5 ކޭސް ވަނީ ފެނިފައެވެ. މީގެ ތެރެއިން ދެ މީހުންނަކީ ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އައި މީހުންގެ ތެރެއިން ބަލި ހުރިކަން ފާހަގަކުރެވުނު ދެ މީހުންނެވެ.
ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވީ ނަމަވެސް، ދޭތެރެއަކުން މިފަދަ ކޭސްތައް ފެންނަމުންދާތީ ސިއްހީ އިދާރާތަކުން ދަނީ މިކަމަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ.