މިދުވަސްވަރު މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލްތަކަށް ޒިޔާރާތް ނުކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކުރައްވައިފިއެވެ. އެ ހޮސްޕިޓަލުން ވަނީ ރޯގާ ފެތުރެމުންދާ މި ދަނޑިވަޅުގައި އާންމުން ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކެއް ހިއްސާކޮށްފައެވެ.
އައިޖީއެމްއެޗުން ވިދާޅުވީ، ހުންއައިސް ގައިގައި ބިހި ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، މާސްކު އެޅުމާއެކު ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އިސްކަންދޭންޖެހޭނެ ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އިރުޝާދު ދެއްވާފައެވެ.
ބަލިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއް ދިނުމަށާއި، ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ. މީގެ އިތުރުން، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށާއި، އެފަދަ ތަންތަނަށް ދާންޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށް ސަމާލުކަން ދިނުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ގައުމީ ތާވަލުގައި ހިމެނިފައިވާ ވެކްސިންތައް ފުރިހަމަކޮށް، ވެކްސިންތައް އަދާހަމަކުރުމަށްވެސް އައިޖީއެމްއެޗުން ވަނީ ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. މި ފިޔަވަޅުތަކަކީ މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާ ކޮންޓްރޯލް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.