މިސަރުކާރަކީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް އަކުރުން އަކުރަށް ތަންފީޒުކޮށްދޭނެ ފުރަތަމަ ސަރުކާރު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝުޖާޢު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަޢުދުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ޝުޖާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 1 ގައި މިހާރުވެސް މަޝްރޫޢުތައް ފެށިގެން ކުރިއަށްދާކަމަށާއި، ފޭސް 3 ގެ މަސައްކަތްތައްވެސް ބާރުސްޕީޑުގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގުޅީފަޅުގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުތަކާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ޝުޖާޢު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހުރިހާ މަޝްރޫޢުތަކެއްވެސް މި ދައުރުގެ ތެރޭގައި ނިންމާލެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ހުރިހާ މަސައްކަތްޕުޅުތަކަކީވެސް ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކެއްކަން ފާހަގަކުރައްވަމުން ޝުޖާޢު ވިދާޅުވީ، މި ސަރުކާރު ވެގެންދާނީ ވަޢުދުތައް ފުއްދުމުގައި ނަމޫނާ ސަރުކާރަކަށް ކަމަށެވެ.
"މި ސަރުކާރު ވެގެންދާނީ މިހާތަނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ރަނުންރަނަށް، އަކުރުން އަކުރަށް ތަންފީޒުކޮށްދޭނެ ފުރަތަމަ ވެރިކަމުގެ ގޮތުގަ ރައްޔިތުންނަށް ދައްކާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެން،" ޝުޖާޢު ވިދާޅުވިއެވެ.