މައިންކަމަށްވީނަމަވެސް ދަރިންނަށް ދޭންޖެހޭ ލޯބިނުދީ ދޫކޮށްލުމަށްފަހު ފަހުން ދަރިންގެ ލޯބިހޯދަން އުޅޭނަމަ ގާތީ ނުލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
މައިންކަމަށްވީނަމަވެސް ދަރިންނަށް ދޭންޖެހޭ ލޯބިނުދީ ދޫކޮށްލުމަށްފަހު ފަހުން ދަރިންގެ ލޯބިހޯދަން އުޅޭނަމަ ގާތީ ނުލިބުން!

ދަރިންނާ އަލައިނުލަނީ ނުވަތަ ލޯބިނުދެނީ ހަމައެކަނި ބައްޕައިންތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. ޖަވާބަކީ ދަރިންނަށް އަޅައިނުލާ ބައްޕައިންގެ ވާހަކަތައް ގިނަވަނީ އެފަދަ ބައްޕައިން ގިނަވީމައެވެ. އަދި ބައްޕައިން އެމީހުންގެ ވާހަކަތައް ޙިއްޞާކުރުންވެސް މަދުވީމައެވެ.  

"މައިލަގޮނޑިއަކަށް ކެތެއް ނުކުރެވޭނެ" ކަމަށް ބުނެވެނީ އެކަމުގައި ވަރަށް ބޮޑު ޙަޤީޤަތެއް އޮންނާތީއެވެ. މައިންނަކީ އެމީހުންގެ ފުރާނައިން ދަރިންނަށްޓަކައި ޤުރްބާންވާ ބައެއްކަން އެއީ ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. އެހެނަސް އިންށާނުން ކަމުގައިވީތީ ކިތަންމެ މަދުން ނަމަވެސް ތަފާތު މައިންވެސް ތިބޭނެކަން ޤަބޫލުކުރަންޖެހޭނެއެވެ.

ތިރީގައިވާ ވާހަކައަކީ ދަރިންނަށް އަޅައި ދޫކޮށްލެވޭ މައިންނަށް ވަރަށް ޢިބްރަތްތެރި 2 ވާހަކަ ހިމެނޭ ވާހަކައެކެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަހަރެން އެންމެ ކުޑައިރުންސުރެ ނޫންނަމަ ހަނދާންހުންނަން ފެށީންސުރެ މަންމަގެ ލޯބި ލިބުނު ދުވަހެއް ހަނދާނެއް ނެތެވެ. ހިނިތުންވެލާފައި ގޮވާލި ދުވަހެއްވެސް ހަނދާނެއް ނެތެވެ. ލޯބިން ފިރުމާލި ދުވަހެއްވެސް ހަނދާނެއް ނެތެވެ. ނަމަވެސް ބައްޕަ އަހަރެންދެކެ ލޯބިވެއެވެ. ލޯބިވެސްދެއެވެ. ވީމާ މަންމަގެ ލޯބި ނުލިބޭތީ އެންމެ ކުޑައިރުވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ.  

ކަންދިމާވީ ވަރަށް ދެރަގޮތަކަށެވެ. އުމުރުން 8 އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. ބައްޕަ ނިޔާވުމާއިއެކު މަންމަ އަހަރެން ގެންގޮސްލީ ޔަތީމްކާނާއަކަށެވެ. އެތަނަށްލާފައި ދިއަފަހުން މަންމަ ނުވެސް ދެކެމެވެ.  

އެކަންވީ އަހަރެންނަށް ލެއްވެވި ވަރަށް ބޮޑު ނަޞީބަކަށެވެ. އެތަނުގައި ހުންނަތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސްކޫލްގެ ޓީޗަރަކާއި ބައްދަލުވިއެވެ. އޭނާ އަހަރެން އެތަނުން ގެންދިއައެވެ. އޭނާގެ ގޭގައި ބަހައްޓައިގެން ގެންގުޅެ ބޮޑުކުރިއެވެ. އޭނާއަކީ ދަރިން ލިބޭ އަންހެނަކަށް ނުވުމުން ގޭގައި ކުޑަކުއްޖަކަށް ހުންނަންޖެހުނީވެސް އަހަރެން އެކަންޏެވެ.  

އޭނާ އަހަރެންނަށް ކިޔަވައިދިނެވެ. ރަނގަޅު ވަޒީފާއެއް ހޯދައިދިނެވެ. ރަނގަޅު ފިރިއަކުވެސް ހޯދައިދިނެވެ. ކައިވެންޏަށްފަހުގައިވެސް އޭނާގެ ގާތުގައި ދެމަފިރިންވެސް ގެންގުޅުނެވެ. މަންމައަކަށް ކޮށްދޭންޖެހޭ ހުރިހާ ޚިދުމަތެއް އަހަރެން އޭނާއަށް ކޮށްދިނީމެވެ. އޭނާއަކީ އަހަރެންގެ ޙަޤީޤީ މަންމަ ކަމުގައި ނުވިނަމަވެސް އެއީ ހަމަ އަހަރެންގެ މަންމަ ކަމުގައި ޤަބޫލުކުރަމެވެ.  

އެއްދުވަހަކު ގޭގެ ބެލްޖެހުމުން ފިރިމީހާ ގޮސް ދޮރުހުޅުވިއިރު ބޭރުގައި ހުރީ ސަލާންޖަހާ އަންހެނެކެވެ. ފިރިމީހާ ޖީބުން ފައިސާކޮޅެއް ނަގާފައި ދިނުމުން ބުނީ އެވަރު މާމަދު ކަމަށެވެ. އޭނާއަކީ އަހަރެންގެ މަންމަ ކަމަށާއި ވަރަށް މަސައްކަތުން ދިރިއުޅޭތަން ހޯދައިގެން އައީ ފައިސާކޮޅެއްގެ ބޭނުމުގައި ކަމަށެވެ.  

އެއަޑު އިވުމާއިއެކު ބުނީމެވެ. އަހަރެންގެ މަންމަ މަރުވިތާ ކިތަންމެ ދުވަހެކެވެ. ތިއަވާނީ ޖިންނިއަކަށެވެ. ގެއަށް ވަނަނުދީ އަވަހަށް ދޮރުތަޅުލާށެވެ!  

ފަހުން އެނގުނު ގޮތުގައި މަންމަ ބައިވަރު މީހުންނާ ކައިވެނިކުރިއެވެ. އެންމެންވެސް މަންމަ ދޫކޮށްލާފައި ދިއައީއެވެ. އެހެންވެ މުސްކުޅިވިދުވަހު އަޅައިލާނެ އެއްވެސް މީހަކު ނެތީއެވެ. އެކަން އެނގުމުން މަންމަ ބަލަން ބޭނުންވިއެވެ. ނަމަވެސް އުޅެއުޅެވެސް މަންމައާއި ބައްދަލުކުރުމުގެ ހިތްވަރެއް ނުލިބުނެވެ. ދާންއުޅޭއިރަށް ހަނދާނަށް އަންނަނީ ރޮއިރޮއިހުއްޓާ ޔަތީމްޚާނާއަށް އަހަރެން ދޫކޮށްލާފައި ކާރަށް އަރައިގެން ދިއަ މަންޒަރެވެ.  

އެދުވަހު އެހެން ބުނެވުނީތީ ވަރަށް ދެރަވެސް ވިއެވެ. ނަމަވެސް ގިނަ އަހަރުތަކެއްވަންދެން ހިތަށްކޮށްފައި ހުރި އަސަރުން އެހެން ބުނެވުނީއެވެ. އަޞްލު އެހެން ބުނެވުނު ސަބަބަކީ އެހައި ގިނަ ދުވަސްކޮށްފައި އައިސްވެސް އަހަރެން ހޯދަން ނުއުޅެ ފައިސާ ހޯދަން ބޭނުންވެގެން އުޅުނީމައެވެ.  

މިއީ އަޅުގަނޑަށް އެކުވެރިއަކު ހިއްޞާކުރި ވާހަކައެކެވެ. މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ އަޅުގަނޑަކީވެސް ހަމަ މިފަދަ ޙާލެއްގައި ޖެހުނު އަންހެނަކަށްވާތީއެވެ. ބައްޕަ ނިޔާވުމުން ދެވަނަ ކައިވެނިކުރުމަށްފަހު އަޅުގަނޑު ފޮނުވައިލީ މާމަގެގާތަށް ރަށަށެވެ. އެއިގެފަހުން ދުނިޔޭގައި އަޅުގަނޑު އުޅޭތޯވެސް މަންމަ ބަލައެއް ނުލައެވެ.  

އަޅުގަނޑު ބޮޑުވެ މީހަކާ އިންނަވަރުވީތަނުން އުޅުނީ މަންމަގެ ދަރިން ބަލަން މާލެ ގެންނާށެވެ. ނަމަވެސް އަޅުގަނޑު ނައިސް ރަށުން މީހަކާ ކައިވެނިކޮށްގެން ދިރިއުޅެންފެށީއެވެ. މަންމަ އެއުޅެނީވެސް ބައްޕަގެ ގޭގައެވެ. އެގެ މިހާރުވާނީ އަޅުގަނޑުގެ ގެއަކަށެވެ. ނަމަވެސް ގެހޯދާކަށްވެސް ނުއުޅެމެވެ. މަންމައަށް ދޫކޮށްލީއެވެ. އެއީ މަންމަ ދެކެ ބައްޕަ ވަރަށް ލޯބިވާތީއެވެ. ނަމަވެސް އަޅުގަނޑު ދުނިޔޭގައި ހުއްޓައި މަންމަ ނިޔާވެއްޖެ ނަމަ ދޮންބައްޕަގެ ދަރިންނަކަށް ގެއެއް ނުދޭނަމެވެ. އެކަމަށް ބައްޕަ ނުރުހޭނެތީއެވެ.  

އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އަޅުގަނޑުގެ މަންމަ ފަދަ މަންމައިން ރާއްޖޭގައި ވަރަށް މަދެވެ. އެހެންވެ ގިނައިން އަޑުއިވެނީ ބައްޕައިންގެ ގޯސްވާހަކަތަކެވެ. އަޅުގަނޑު އުންމީދުކުރަނީ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ.

 

- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން