ހިތްދަތިކަމުގަ އުޅެނިކޮށް މަރުވި އަންހެނަކު މަރުވިއިރު ހިތްދަތިކުރުވި ފިރިމީހާ އަތުގަ ހިފައިގެން ގާތުގަ ހުރިއިރުވެސް ލޮލަށް ފެނުނު ކަމަށްނުވި ޢަޖާއިބެއް ފަދަ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ހިތްދަތިކަމުގަ އުޅެނިކޮށް މަރުވި އަންހެނަކު މަރުވިއިރު ހިތްދަތިކުރުވި ފިރިމީހާ އަތުގަ ހިފައިގެން ގާތުގަ ހުރިއިރުވެސް ލޮލަށް ފެނުނު ކަމަށްނުވި ޢަޖާއިބެއް ފަދަ ޙާދިސާއެއްގެ ވާހަކަ-

އެއީ ރަށުގެ ތަނަވަސް މީހެކެވެ. އޮޑިވެރިއެކެވެ. ވިޔަފާރިވެރިއެކެވެ. ލިބިފައިވަނީ ވަރަށް ހެޔޮލަފާ އަންތބެކެވެ. އެހެންކަމާއިއެކުވެސް އަބަދުހެން އަނބިމީހާއަށް އުޅެންޖެހުނީ ހިތްދަތިކަމާއި ހިތާމައިގައެވެ. ޚަރަދުނުކުރާތީއެއް ނޫނެވެ. ތަޅާއަނިޔާކުރާތީއެއްވެސް ނޫނެވެ. ބޭވަފާތެރިވާތީއެވެ. އަބަދުހެން ފިރިމީހާއާއި ކޮންމެވެސް އަންހެނަކާއި އަޅުވައިގެން ރަށުތެރޭގައި ދެކެވޭ ވާހަކަތައް ގިނަކަމުންނެވެ.  

އަނބިމީހާ ބަލިވީ ވަރަށް ހަގު ޢުމުރުގައެވެ. ބަލިވުމުން މާލެގެނެސްގެންވެސް ފަރުވާކުރިއެވެ. ރާއްޖެއިން ބޭރަށްވެސް އެތައް ފަހަރަކު ގެންދިއައެވެ. ނަމަވެސް ބަލިވާންޖެހޭ ސަބަބު ނުވަތަ ބަލި ޑޮކްޓަރަށް އެނގުނު ކަމަކަށް ނުވިއެވެ.

އެޙާލެއްގައި އުޅެމުންދާތާ 3 އަހަރުވާން ގާތްވެފައި ހުއްޓައި އެއްދުވަހެއްގެ ޢަޞްރުނަމާދުން މީހުން ފެއިބި ވަޤުތެވެ. ކުއްލިއަކަށް ޙާލުބޮޑުވީއެވެ. ފިރިމީހާ ހުރީ އަތުގައި ހިފަހައިގެން ކައިރީގައެވެ. ރަށުގެ ޑޮކްޓަރާއި ނަރުހުންވެސް ގާތުގައި ތިއްބެވެ.  

އަނބިމީހާ އެހެން ވާހަކައެއް ނުދައްކައެވެ. ކުރަނީ ސުވާލެކެވެ. ފިރި ޙަސަނު ކޮބައިތޯއެވެ؟ ސުވާލުކުރާއިރަށް ގާތުގައި މިހުރީ ކަމަށް ޙަސަނު ބުނެއެވެ. ދޫކޮށްލާފައި ހިނދުކޮޅަކަށްވެސް ދުރަށް ނުދާނެ ކަމަށްވެސް ބުނެއެވެ. އެކަމަކު އެއަޑުވެސް އިވޭކަމަކަށް ނުވެއެވެ. ޙަސަނު ފެންނަކަމަކަށްވެސް ނުވެއެވެ. ތަކުރާރުކުރަނީ ހަމައެސުވާލެވެ. އިރުކޮޅަކުން އަމިއްލައަށް ޝަހާދަތްކިޔުމަށްފަހު ދޮޅިފުރާނޭވާއެއް ލުމަށްފަހު ދުނިޔެއަށް އަލްވިދާޢުކީއެވެ. އެއިރުވެސް ޙަސަނު ހުރީ އަނބިމީހާގެ އަތުގައި ހިފައިގެންނެވެ.  

އަޅުގަނޑަކީ ދެމަފިރިންގެވެސް ވަރަށް ގާތް އެކުވެރިއެކެވެ. ޙަސަނުގެ ބޮޑުދޯނީގެ ކެޔޮޅެވެ. އަޅުގަނޑުގެ ސުވާލަކީ އަނބިމިހާއަށް ހަސަނު ނުފެނުނީ އަދި ޙަސަނުގެ އަޑު ނުއިވުނީ ކީއްވެގެން ހެއްޔެވެ؟ ފެނުނުނަމަ އަދި ޙަސަނުގެ އަޑު އިވުނުނަމަ ސުވާލު ތަކުރާރުކުރާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ. ހަޤީޤަތް އޮޅުންފިލުވޭނެ ގޮތެއް ނެތުމުން ސުވާލު ސުވާލެއްގެ ގޮތުގައި ދިރިއޮތީއެވެ. މިޙާދިސާއަށް މިހާރު 5 އަހަރުވެފައިވާއިރުވެސް ސުވާލު ދިރިއޮތީމާ މިއަދުނޫސް މެދުވެރިކޮށްވެސް ސުވާލުކޮށްލީއެވެ.  

އަޅުގަނޑުގެ އަނބިމީހާއަކީ އަޅުގަނޑުދެކެ ވަރަށް ލޯބިވާ ވަރަށް ތެދުވެރި އަންހެނެކެވެ. އެހެންކަމާއިއެކުވެސް ވަޅުލައި ނިމުމުން ބުނީމެވެ. "މަރުމަތީގައި އަހުރެން ދެކެން ބޭނުންނަމަ ނަމަނަމަ ބޭވަފާތެރިނުވާށެވެ!" އަނބިމީހާވެސް ހަމައެބަސް އަޅުގަނޑަށް ބުންޏެވެ.  

މިއީ ބައިވެރިޔާއަށް ބޭވަފާތެރިވާ މީހުންނަށާއި އަދި އެންމެންނަށްވެސް އަގުހުރި ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.   

- މިއަދުނޫހުގެ ކިޔުންތެރިއެއް  

- އިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން