އަހުރެންނަކީ ދުވަހަކުވެސް ޑްރަގު ޑީލްކުރި މީހެއް ނޫނެވެ. ޑްރަގް ބޭނުންކުރާ މީހެއްވެސް ނޫނެވެ. ފިރިމީހާ އެފަދަ ކަމެއް ކުރާކަމެއްވެސް ނުއެނގެއެވެ. ސިހުން ލިބުނީ ފުލުހުން އައިސް ކުއްލިއަކަށް ގެއަށްވަދެ ގެ ޗެކުކުރުމުންނެވެ. އެތައް ބައިވަރު ޑްރަގުތަކެއް ގެއިން ފެނުމުންނެވެ.
ފިރިމީހާ އެކަން އެޅުވީ އަޅުގަނޑުގެ ބޮލުގައެވެ. އެކަން އޭނާކޮށްފައި ހުރީ އަޅުގަނޑުގެ ބޮލުގައި ފަސޭހައިން އެޅުވޭނެ ގޮތަށެވެ. އަލަމާރީގެ އަޅުގަނޑުގެ ފަޅީގައި ހުރި ބޭނުންނުކުރާ ހެދުންތަކެއްގެ ތެރެއިންވެސް ޑްރަގް ފެނުނެވެ. އެމަންޒަރު ފެނުމުން ފިރިމީހާގެ މަކަރުވެރިކަން އެނގުނެވެ. ނަމަވެސް ދެއްކޭނެ ބަހަނާއެއް ނެތުމުން އަނގަ ބަންދުވީއެވެ. އެކަމަކު ތަޙްޤީޤުގައި ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އެކަމުން ފައިދާއެއް ނުކުރީއެވެ.
ޙުކުމް އިއްވަން ކޯޓަށް ގެންދިއައީ 2 އަހަރުފަހުންނެވެ. އެއްގޮތަކީ މަރަން ޙުކުމް ކުރުމެވެ. ދެވަނަ ގޮތަކީ މަދުވެގެން ޢުމުރުގެ ޖަލުޙުކުމެއް އިއްވުމެވެ. 2 އަހަރު ފާއިތުވެގެންދިއައިރުވެސް ކޮންމެ ރެއަކުވެސް ރޭއަޅުކަންކޮށް ދުޢާކުރަމެވެ. ކޯޓަށްދިއައީވެސް ކުރެވުނު ތުހުމަތުން ސަލާމަތްވެވި މިނިވަންވާނެ ކަމުގެ އުންމީދުގައިހުރެއެވެ.
ކޯޓުރޫމަށް ވެއްދިއިރު ފިރިމީހާވެސް ޙާޒިރުކޮށްފައި އިނެވެ. ފަނޑިޔާރުގެ އިޒުނައަކަށް އެހެންކަމަކަށް ނުބަލަމެވެ. ފިރިމީހާއަށް ބުނީމެވެ. "އަހުރެންގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފިނަމަ އަހުރެންގެ ޤާތިލަކީ ކަލޭކަމަށް ނުވާނެ ހެއްޔެވެ؟ ޤިޔާމަތް ދުވަހުވެސް ދޮގުހަދައިގެން ސަލާމަތްވެވޭނެ ކަމަށް ހީކުރަނީހެއްޔެވެ؟ ބަލަންވީ އަހުރެންގެ މޫނަކަށް ނޫނެވެ. މައްޗަށެވެ. މިއޮތް ޚަތިމުގަ އަތްލައި ނިކަން ހުވާކޮށްފައި ބުނެބަލާށެވެ! އެއީ ކަލޭގެ ޑްރަގު ނޫންކަމަށް ނިކަން ހުވާކޮށްބަލާށެވެ!"
އެހެން ބުނާއިރަށް އެނާ އިންގޮޏޑިން ތެދުވެ މަތިބަލައިލިއެވެ. ހީވީ ދޮގުހުވާކުރަން އުޅެނީ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެންނަކުން ނޫނެވެ. އޭނާއަށް ބުނެވުނެވެ. "ލިބޭނެ އަދަބަށް ނުބަލާށެވެ! ކަލޭގެ މުސްކުޅި މަންމަ ޢުމުރަށް ބަލައިދޭނަމެވެ. މަޑުން އިންނާށެވެ!"
އެހެންބުނާއިރަށް ފަނޑިޔާރު ޝަރީޢަތުގެ މަޖިލިސް ފެށުނީކަމަށްބުނެފައި ފުރަތަމަވެސް ސުވާލުކުރީ ފިރިމިހާއާއިއެވެ. "އަނބިމީހާގެ މަންމަ ބަލައިދޭނެކަމަށް ތިއަބުނީ ކީއްވެގެން ހެއްޔެވެ؟" ފިރިމީހާއަށް ޖަވާބުގައި ބުނެވުނީ އަނބިމީހާއަށް ލިބެން އުޅެނީ ތިމަންނަ ކުރި ކުށެއްގެ އަދަބުކަމަސްވާތީއެވެ!" ފަނޑިޔާރު ސުވާލު ތަކުރާރުކުރުމުންވެސް ދެވުނީ ހަމަ އެޖަވާބެވެ.
އިރުކޮޅަކަށްފަހު ފަނޑިޔާރު ޙުކުމްކުރީ އަޅުގަނޑު މިނިވަންކުރުމަށާއި ފިރިމީހާ ބަންދުކޮށް އަލުން ތަޙްޤީޤް ކުރުމަށެވެ. އަޅުގަނޑު މާތް ﷲ އަށް ޙަމްދުކުރީމެވެ. ﷲ ގެ ޙަޟްރަތުން އުންމީދުކަނޑާނުލައި ކުރި ދުޢާ ޢިޖާބަކުރެވެވުމުން ހިތް އުފަލުން ފުރުނެވެ. އިކްލާޞްތެރިކަމާއއެކު ކުރާ ދުޢާ ޢިޖާބަކުރައްވަވާނެކަން މިއަށްވުރެ ފުރިހަމައަށް ފެނިދާނެތޯއެވެ؟
މިއީ ބޭރު ޤައުމެއްގައި ހިނގާފއިވާ ކަމެއް ނަމަވެސް އެނގިގެން މިދަނީ ދުޢާކުރަން އޮތް ގޮތަށް ދުޢާކުރުނަމްތީގައި ދެމިހުރެއްޖެ މީހަކަށް ހިންމަވައި ނުދެއްވަވާނެ ކަމެއް ނެތްކަން ކަމަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްބާކޮށްލީއެވެ.
- މިއަދުނޫސް
- ޢިބްރަތްތެރި ވާހަކަ-