ޠާރިގް އިބްރާހިމް އާއި އާދަމް ޝަރީފު ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޠާރިގް އިބްރާހިމް އާއި އާދަމް ޝަރީފު ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި

ޠާރިގް އިބްރާހިމް އާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމުގެ މައްސަލަ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. މި ދެ ބޭފުޅުންނަކީވެސް މިހާރުގެ ސަރުކާރުގެ ކެބިނެޓްގައި ވަޒީރުކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވާ ގޮތުން، ޠާރިޤް އިބްރާހީމް އައްޔަން ކުރައްވަން ނިންމަވާފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ. ޠާރިގު ވަނީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރުގެ މަޤާމުގެ އިތުރުން، ކުރިން ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ އާދަމް ޝަރީފް އުމަރު އެވެ. އާދަމް ޝަރީފް މީގެ ކުރިން ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރުގެ މަޤާމުގައެވެ.

މި ދެ ބޭފުޅުން ސަފީރުކަމުގެ މަޤާމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށްޓަކައި، މި މައްސަލަ މިހާރު ވަނީ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައެވެ. ކޮމިޓީން މި ބޭފުޅުންގެ ނަންތައް ދިރާސާކޮށް ނިންމުމުން، މަޖިލީހުގެ ތަޅުމުގައި މިކަމަށް ވޯޓަށް އެހޭނެއެވެ.

މިއަދު އޮންލައިން