އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހު މިއަދު ފާސްކޮށްފިއެވެ. މި އިސްލާހަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު ބަދަލެކެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲއެވެ. މި އިސްލާހު ހުށަހެޅުއްވި މައިގަނޑު މަގުސަދަކީ އެލްޖީއޭގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ.

މީގެ އިތުރުން، މި އިސްލާހުގެ ދަށުން ރަށްރަށާއި ސިޓީތަކުގައި ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހިމެނުމަށްވެސް ވަނީ ނިންމާފައެވެ. މިއީ ކައުންސިލްތަކުން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަންކަން ތަރުތީބުކުރުމަށް ކުރެވުނު މަސައްކަތެކެވެ.

އެލްޖީއޭއަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސްކުރުމުގެ އެންމެ އިސް ޒިންމާ އުފުލާ އިދާރާއެވެ. މިހާރު ޤާނޫނު އޮތްގޮތުން އެ އޮތޯރިޓީގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު އޮންނަނީ އެލްޖީއޭގެ ބޯޑަށެވެ.

ނަމަވެސް، މަޖިލީހުން މިހާރު ފާސްކުރި އިސްލާހާއެކު އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެއެވެ. މިއީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ އޮނިގަނޑު އެއް މިންގަނޑަކަށް ފެއްތުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން