ސަރުކާރުގެ އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރާ "އީ-ގަވަމެންޓް" ނިޒާމު މިއަހަރު އިފްތިތާޙު ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ސަރުކާރުގެ އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރާ "އީ-ގަވަމެންޓް" ނިޒާމު މިއަހަރު އިފްތިތާޙު ކުރަނީ


އައްޑޫ ސިޓީ: ސަރުކާރުގެ އިދާރާތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތައް ޑިޖިޓަލްކޮށް، އެއް އޮފީހުން އަނެއް އޮފީހަށް މައުލޫމާތު ބަދަލުކުރެވޭނެ 'އީ-ގަވަމެންޓް' ނިޒާމެއް މިއަހަރުގެ ތެރޭގައި ގާއިމުކުރައްވާނެ ކަމަށް ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ "އައްޑޫ ބިޒްނަސް ޑައިލޮގް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވަނީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުގެ މެދުގައި މުޢާމަލާތް ކުރެވޭނެ އީ-ގަވަމެންޓް ނިޒާމުގެ މަސައްކަތްތައް މިއަހަރުގެ އޯގަސްޓް މަހަށް މުޅިން ނިންމާލެވޭނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ މައިގަނޑު ޕްލެޓްފޯމް އަންނަ ޖޫން މަހުގެ ތެރޭގައި ތައާރަފްކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ދައުލަތުގެ އެކި އިދާރާތަކުން ދޫކުރާ ލިޔެކިޔުންތައް، އެއް އިދާރާއިން އަނެއް އިދާރާއަށް އަމިއްލައަށް ކަށަވަރުކުރެވޭނެ 'ޑޭޓާ އެކްސްޗޭންޖް ލޭޔަރ' އެއް މިއަހަރު ނިމުމުގެ ކުރިން ގާއިމްކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ނިޒާމުގެ ސަބަބުން އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ވަޒީރު އިޙްސާން ވިދާޅުވީ، "އޭގެ މާނަ އަކީ އެއް އިދާރާއަކުން އިޝޫކުރާ އެއްވެސް ސެޓިފިކެޓެއް އަދި އެއްވެސް ލައިސެންސެއްވެސް، އިރާދަ ކުރެއްވިއްޔާ ނުޖެހޭނެ ހުށަހަޅަން. އެކުއަރީގެ ސަބްމިޝަން އަށް ފަހު އެއް އިދާރާއިން އަނެއް އިދާރާއާއި ވާހަކަ ދައްކާ މައުލޫމާތު ސިސްޓަމް ލެވެލްގައި މައުލޫމާތު ބަދަލުކުރާނެ. އޭގެއިން، ކަސްޓަމަރު ނުޖެހޭނެ އެކަން އަމިއްލައަށް ކުރަން. އެކަން ކުރާނެ ސިސްޓަމުތަކުގެ ތެރެއިން ވެރިފައި ކުރަން އަމިއްލައަށް." ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މިއަދު އޮންލައިން