އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު އަންނަ ސެޕްޓެންބަރު މަހު ދައްކާނެކަމަށް ސަރުކާރުން ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު އަންނަ ސެޕްޓެންބަރު މަހު ދައްކާނެކަމަށް ސަރުކާރުން ހާމަކޮށްފި

އިންޑިއާ ސަރުކާރުން ނަގާފައިވާ ލޯނުގެ ދަށުން ދައްކަންޖެހޭ 50 މިލިޔަން ޑޮލަރު އަންނަ ސެޕްޓެންބަރު މަހު ދެއްކުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. ނިމިދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައި އިންޑިއާ ސަރުކާރުން ޖުމްލަ 150 މިލިޔަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ.

"ޕްރެސަރ ވިތު ދަ ސްޕޮކްސް" ޕްރޮގްރާމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިސް ތަރުޖަމާނު ވިދާޅުވީ، ނިމިދިޔަ ދައުރުގެ ތެރޭގައި ބޭރުގެ އެކި ޤައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށް މި ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށެވެ. އެގޮތުން އިޤްތިޞާދީގޮތުން ދަތި ދަނޑިވަޅެއްގައިވެސް، އިތުރު ދަރަނި ނުނަގާ ބިލިއަނެއްހާ ޑޮލަރު މިހާތަނަށް ދައްކާ ޚަލާސްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، މިއަދު ފެނިގެންދާ ހަގީގަތަކީ ދަރަނި ދެއްކުމުގައި ދިވެހިރާއްޖެއިން ޒިންމާދާރު ކަމާއެކު ޢަމަލުކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އިންޑިއާގެ ދަރަނި ދެއްކުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށްވެސް ވިދާޅުވިއެވެ.

"ސަރުކާރުން މިހާރު މިމަސައްކަތްކުރަނީ، ސެޕްޓެންބަރުގައި އެއޮންނަ މުއްދަތުގައި ބާކީ އޮތް 50 މިލިޔަން ދައްކަން. އަޅުގަނޑުމެންގެ ނިޔަތަކީ ދެއްކުންކަމަށްވީއިރު އެދެއްކީމާ، އަޅުގަނޑުމެން އެބޮރޯކުރި ފަރާތުން އަޅުގަނޑުމެންނާ މެދު ދެކޭގޮތްވެސް އެބަ ރަނގަޅުވޭ. އަދި އަޅުގަނޑުމެންނަށް މުސްތަޤުބަލުގައިވެސް ޒިންމާދާރުކަމާއެކު އެފަރާތްތަކާއެކު ތަރައްޤީގެ މަސައްކަތްތައްކުރެވޭނެ،" އިސް ތަރުޖަމާނު ޝަރީފް ވިދާޅުވިއެވެ.

މި ފައިސާ ދެއްކުމާއެކު ބޭރުގެ މާލީ އިދާރާތަކާއި ޤައުމުތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެ، ކުރިއަށް އޮތް ތަނުގައި ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ފަހި މާޙައުލެއް ޤާއިމުވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

މިއަދު އޮންލައިން