ބީއެމްއެލްއިން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" އެއް އޭއައިސީބީއާ ގުޅިގެން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ބީއެމްއެލްއިން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" އެއް އޭއައިސީބީއާ ގުޅިގެން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ ބަޔަކަށް ހެދުމުގެ މަގުސަދުގައި "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" އެއް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް (އޭއައިސީބީ) އާ ގުޅިގެން ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓަރޑް ބޭންކިންގ ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ޖަނަވަރީ 2026 ގައި އޭއައިސީބީއާ އެކު ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބީއެމްއެލްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަކުރާނެ ކަމަށް ބޭންކުން ބުނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ޚާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ. މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރާ މުހިންމު އިންވެސްޓްމަންޓެކެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށް އަބަދުވެސް ގަބޫލުކުރާ ކަމަށެވެ. "މުވައްޒަފުންގެ ފަންނީ ތަރައްގީއަށް މެދުނުކެނޑި ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް،" ޝަރީފް ވިދާޅުވިއެވެ.

ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންނަށް ލިބޭ އިލްމާއި ތަޖުރިބާއަކީ އެ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށް އެޅޭ ފިޔަވަޅެއްގެ އިތުރުން، ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ވެސް ލިބިގެންދާނެ ބޮޑު ބާރެކެވެ. މި މަސައްކަތަކީ ބޭންކަށް ގެންނަމުންދާ ބަދަލުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ބީއެމްއެލް އިން ހާމަކުރެއެވެ.

މިއަދު އޮންލައިން