އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗްތަކަށް އީ-ސިމްގެ (eSIM) ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ސްމާޓްވޮޗްތަކަށް މި ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.
މި އާ ޚިދުމަތާއެކު، ކަސްޓަމަރުންނަށް އެމީހުންގެ ފޯނު ކައިރީގައި ބެހެއްޓުމަކާ ނުލައި، ސީދާ ސްމާޓްވޮޗް މެދުވެރިކޮށް ދުނިޔެއާ ގުޅިފައި ހުރެވޭނެއެވެ. މީގެ ސަބަބުން އެޕަލް އަދި ސެމްސަންގް ގަޑި މެދުވެރިކޮށް ފަސޭހަކަމާއެކު ފޯނު ކޯލްތައް ކުރުމާއި، މެސެޖު ކުރުމާއި، މިއުޒިކް އަޑުއެހުމުގެ އިތުރުން އެކި އެޕްލިކޭޝަންތައް ބޭނުންކޮށް ނޮޓިފިކޭޝަންތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އީޖާދީ ކުންފުނީގެ ހައިސިއްޔަތުން، އުރީދޫން އަންނަނީ ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ރާއްޖެއަށް ތައާރަފުކުރަމުންނެވެ. ވޭރަބަލް ޑިވައިސްތަކަށް އީ-ސިމްގެ ޚިދުމަތް ދޭން ފެށުމަކީ ސްމާޓް އަދި ގުޅިފައިވާ "ޑިޖިޓަލް މޯލްޑިވްސް" އެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތް މިހާރު އެކަށޭނެ އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗްގެ މޮޑެލްތަކަށް ލިބޭނެއެވެ. މިއާއެކު ކަސްރަތު ކުރާއިރު ނުވަތަ ދަތުރުމަތީގައި އުޅޭއިރު ފޯނު އަތުގައި ނެތް ނަމަވެސް، މުހިންމު ކަންކަމުގައި ގުޅިފައި ހުރުމުގެ މިނިވަންކަން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ރާއްޖޭގައި 3ޖީ، 4ޖީ، އަދި 5ޖީ ޚިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރި ކުންފުނީގެ ގޮތުގައި، އުރީދޫން އަންނަނީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި އާ އީޖާދުތަކާއެކު ކުރި ހޯދަމުންނެވެ. މި ޚިދުމަތް އެކްޓިވޭޓް ކުރުމަށް އެޕަލް ވޮޗް ގެންގުޅުއްވާ ބޭފުޅުން ore.do/applewatch އަށް އަދި ސެމްސަންގް ގެލެކްސީ ވޮޗް ގެންގުޅުއްވާ ބޭފުޅުން ore.do/samsung-watch އަށް ޒިޔާރަތްކުރެއްވުމަށް އުރީދޫން އިލްތިމާސްކުރެއެވެ.