ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވުރެ ބޮޑަށް ދިވެހި ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކޮށްދެއްވި ވެރިއަކު ރާއްޖޭގެ ތާރީޚުގައި ވެސް ފެނިފައި ނުވާކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހުގައި އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ހިންގަމުން ކަމަށެވެ. އަދި 2008 ވަނަ އަހަރު އަމަލުކުރަން ފެށި އައު ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ވެރިކަން ކުރެއްވި ރައީސުން އަމަލުކުރެއްވި ގޮތް ރައްޔިތުންގެ ހިތްތަކުން ފިލައިގެން ނުދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް އިޝާރާތް ކުރައްވައި ފަލާހް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ކޯޓުތަކާއި އިގްތިސާދާއި އިޖްތިމާއީ ފޭރާން ވީދާލި ގޮތް ރައްޔިތުން ހަނދާން އެބަހުރި ކަމަށެވެ. "އޭރުގެ ރައީސް އިސްތިއުފާ ދެއްވީ ފަނޑިޔާރަކު ވަގަށް ނަގައިގެން. އެއާޕޯޓާއި، ދިރާގާއި، ފެން ކުންފުނި ފަދަ ދައުލަތުގެ ބޮޑެތި ހަރުމުދާ ވިއްކާލުމަށްފަހު، ވެރިކަމުން ފައިބައިގެން ދިޔައިރު ގައުމުގައި އެއްވެސް ހަރުމުދަލެއް ނެތް،" ފަލާހް ވިދާޅުވިއެވެ.
“ރާއްޖޭގެ ކޯޓްތަކާއި އިގްތިސާދާއި އިޖްތިމާއީ ފޭރާން ވީދާލިގޮތް ހިތުން ފިލައިގެން ނުދާނެ. އޭރުގެ ރައީސް ވެރިކަމުން އަމިއްލައަށް އިސްތިއުފާދެއްވީ ކޯޓެއްގެ ފަނޑިޔާރަކު ވަގަށް ނަގައިގެން. އެހެންވީމަ ކޯޓުތަކުގެ ވާހަކަ އެ ރައީސް ދައްކާ ކަމަށްވާނަމަ ރައްޔިތުން ހޮޑުލަވާނެ. އިގްތިސާދުގެ ވާހަކަދައްކާ ކަމަށްވާނަމަ އެ ރައީސް ފައިބައިގެން ދިޔައީ އާމްދަނީ އެންމެ ބޮޑަށް ލިބޭ ދިވެހި ރާއްޖޭގެ މައި ދޮރާށިކަމަށްވާ އެއާޕޯޓް ވިއްކާލާފައި. ފެން ކުންފުނި ވިއްކާލާފައި. ދިރާގު ވިއްކާލާފައި. އެމްޑަބްލިއުއެސްސީއާއި އެތައް ބޮޑެތި ކުންފުނިތަކެއް ވިއްކާލާފައި. ވެރިކަމުން ފައިބައިގެން ދިޔައިރު ރާއްޖޭގައި އެއްވެސް ހަރު މުދަލެއް ނެތް." ފަލާހް ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ، މިއަދު ކޯޓުތަކާއި ހައްގުތަކުގެ ވާހަކަ އެންމެ ބާރަށް ދައްކަވަނީ ޔާމީން ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ އެތައް ބޭފުޅުންނެއް ޖަލަށްލައި، އަމިއްލަ އެއްބަނޑު އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމް 70 އަހަރުގައި ޖަލަށްލީ މަންޒަރު ރައްޔިތުން ދުށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ޔާމީން ނޫސްވެރިންގެ ހައްގުތަކާއި މުޒާހަރާގެ ވާހަކަ ދެއްކެވުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ފަލާހް ސިފަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ޒައާމަތާ ގުޅޭގޮތުން ފަލާހް ވިދާޅުވީ، ނޫސްވެރިންނަށް އެންމެ ބޮޑު ހިމާޔަތެއް ދެއްވަނީ މި ސަރުކާރުން ކަމަށެވެ. އަދި ރައީސް މުއިއްޒަށް ވުރެ ބޮޑަށް ހަލާކުވެފައި އޮތް އިގްތިސާދާއި އިޖްތިމާއީ ފޭރާން ރައްކާތެރިކޮށްދެއްވި ވެރިއަކު މި ގައުމު ނުދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ރިވެތި އަހުލާގަކީ ރައްޔިތުން އެމަނިކުފާނަށް ތާއީދުކުރި އެންމެ ބޮޑު ސަބަބު ކަމަށާއި، އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކުން އެ މާތް އަހުލާގު ކިލަނބު ނުކުރެވޭނެ ކަމަށެވެ.
ފަލާހު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ގައުމުގެ މުދާ ވިއްކައި، ފަނޑިޔާރުން ހައްޔަރުކޮށް، އަދި ނޫސްވެރިކަމަށް ހުރަސްއަޅާފައިވާކަން ރައްޔިތުން ހަނދާން އެބަހުރި ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ރަހުނުކޮށްފައިވާ ދައުލަތުގެ މުދާތައް ސަލާމަތްކޮށް، ބޮޑެތި ދަރަނިތައް ދައްކަވައި، ގައުމުގެ އިޖްތިމާއީ ފޭރާން ހަރުދަނާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ފަތުރަމުންދަނީ ރައީސްގެ އަގު ވައްޓާލުމަށް ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"ނޫސްވެރިންގެ ހައްގުތަކުގެ ވާހަކަ އެ ބޭފުޅުން ދައްކާއިރު ރައީސް މުއިއްޒަށްވުރެ ބޮޑަށް ދިވެހި ނޫސްވެރިން ހިމާޔަތްކުރި ރައީސްއެއް މި ގައުމު ނުދެކޭނެ." ފަލާހް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ގައުމުގެ މުދާ ވިއްކައި، ފަނޑިޔާރުން ހައްޔަރުކޮށް، އަދި ނޫސްވެރިކަމަށް ހުރަސްއަޅާފައިވާކަން ރައްޔިތުން ހަނދާން އެބަހުރި ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ރަހުނުކޮށްފައިވާ ދައުލަތުގެ މުދާތައް ސަލާމަތްކޮށް، ބޮޑެތި ދަރަނިތައް ދައްކަވައި، ގައުމުގެ އިޖްތިމާއީ ފޭރާން ހަރުދަނާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ފަތުރަމުންދަނީ ރައީސްގެ އަގު ވައްޓާލުމަށް ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.