އިދިކޮޅު ފަރާތްތަކުން ފެންނަނީ ދަށު ދަރަޖައިގެ އަމަލުތަކެއް، ރައީސް މުއިއްޒު ދައްކަވަނީ ނަމޫނާ: ފަލާހު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 38ސ
އިދިކޮޅު ފަރާތްތަކުން ފެންނަނީ ދަށު ދަރަޖައިގެ އަމަލުތަކެއް، ރައީސް މުއިއްޒު ދައްކަވަނީ ނަމޫނާ: ފަލާހު

އިދިކޮޅު ފަރާތްތަކުގެ ކިބައިން މިހާރު ފެންނަމުންދަނީ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، 2008 ވަނަ އަހަރު އައު ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން ކަންތައް ކުރެއްވި ގޮތް ރައްޔިތުން އަދިވެސް ހަނދާން އެބަހުރި ކަމަށެވެ. ވަކިން ހާއްސަކޮށް އެމްޑީޕީގެ ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތް ރައްޔިތުންގެ ހަނދާނުގައި ހުންނާނީ އިއްޔެވީ ކަމެއްގެ ގޮތުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސުންނަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ ފަނޑިޔާރަކު ވަގަށް ނެގުމަށްފަހު ކަމަށާއި، އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގަތީ ރާއްޖޭގެ މައި އެއާޕޯޓާއި، ފެން ކުންފުންޏާއި، ދިރާގު ފަދަ މުހިންމު ތަންތަން ވިއްކާލުމަށްފަހު ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި މީހުން ޖަލަށްލަމުން ގޮސް އެންމެ ފަހުން އަމިއްލަފުޅު ބޭބޭފުޅު ވެސް ޖަލަށްލެއްވި ކަމަށާއި، އެހެންކަމުން އެމަނިކުފާނު ކޯޓުތަކާއި ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭގޮތުން ވާހަކަ ދެއްކެވުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

“ 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ހަވާލުކުރުމުން ކަންތައް ވެގެން ދިޔަކޮށް ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި އިއްޔެވީ ކަމެއްހެން އޮންނާނެ. ރާއްޖޭގެ ކޯޓްތަކާއި އިގްތިސާދާއި އިޖްތިމާއީ ފޭރާން ވީދާލިގޮތް ހިތުން ފިލައިގެން ނުދާނެ. އޭރުގެ ރައީސް ވެރިކަމުން އަމިއްލައަށް އިސްތިއުފާދެއްވީ ކޯޓެއްގެ ފަނޑިޔާރަކު ވަގަށް ނަގައިގެން. އެހެންވީމަ ކޯޓުތަކުގެ ވާހަކަ އެ ރައީސް ދައްކާ ކަމަށްވާނަމަ ރައްޔިތުން ހޮޑުލަވާނެ. އިގްތިސާދުގެ ވާހަކަދައްކާ ކަމަށްވާނަމަ އެ ރައީސް ފައިބައިގެން ދިޔައީ އާމްދަނީ އެންމެ ބޮޑަށް ލިބޭ ދިވެހި ރާއްޖޭގެ މައި ދޮރާށިކަމަށްވާ އެއާޕޯޓް ވިއްކާލާފައި. ފެން ކުންފުނި ވިއްކާލާފައި. ދިރާގު ވިއްކާލާފައި. އެމްޑަބްލިއުއެސްސީއާއި އެތައް ބޮޑެތި ކުންފުނިތަކެއް ވިއްކާލާފައި. ވެރިކަމުން ފައިބައިގެން ދިޔައިރު ރާއްޖޭގައި އެއްވެސް ހަރު މުދަލެއް ނެތް." ފަލާހު ވިދާޅުވިއެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތައުރީފު ކުރައްވަމުން ފަލާހު ވިދާޅުވީ، ރާއްޖޭގެ އިޖްތިމާއީ ފޭރާން މިހާ ބޮޑަށް ރައްކާތެރިކޮށްދެއްވި ދެވަނަ ވެރިއަކު ދިވެހީން ދެކެފައި ނުވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ރައީސްގެ މާތް އަހުލާގު ކިލަނބު ކޮށްލުމަށް ދައްކާ ހަގީގަތާ ހިލާފު ބުހުތާނު ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ ހަރުމުދާތައް ހުރީ އެކި އިދާރާތަކަށް މޯގޭޖުކޮށްފައި ކަމަށާއި، ނަމަވެސް އެމަނިކުފާނު ވަނީ އެ ތަންތަން ސަލާމަތްކޮށް، ބިލިއަން ޑޮލަރުގެ ދަރަނި ދައްކަވައި، ގައުމު ކާމިޔާބީގެ އައްސޭރިއަކަށް ގެންގޮސްދެއްވާފައި ކަމަށް ފަލާހު ވިދާޅުވިއެވެ.

މިއަދު އޮންލައިން