އެމަނިކުފާނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ޑޮކިއުމަންޓްރީތައް ހަދައިގެން ފެތުރުމަކީ އޭގެ ސަބަބުން އެމަނިކުފާނަށް ދުނިޔެ އާއި އާހިރަތުގައި ވެސް ފައިދާލިބޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އަބުރު ކަތިލުމުގެ މަގްސަދުގައި އިދިކޮޅު ފަރާތްތަކުން ކުރާ މިފަދަ ކަންކަމާ މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދަ ކަންކަމާ ކުރިމަތިލާއިރު ކެތްތެރިކަން އިސްކުރުމަކީ އިސްލާމްދީނުގައި ބާރުއަޅާ މަތިވެރި ސިފައެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ އެކަމަށްޓަކައި މާތް ﷲ އަށް ހަމްދުކުރައްވާފައެވެ.
"އެހެންވެ، އަޅުގަނޑު އުފާކުރަން ٱلْحَمْدُ لِلَّٰهِ. އަޅުގަނޑު އެދެނީ ގިނަ ގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން. އަޅުގަނޑާ ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމެންޓްރީއެއް އަޅުގަނޑުގެ އަބުރު ކަތިލާކަށް ނުނެރެވޭނެ ޔަގީނުން ވެސް. ހުސް ދޮގު ހަދަން ޖެހޭނީ. ހުސް ދޮގު ހަދައިގެން ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގައި އޮތީ ހުސް ފައިދާ. މި ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް އަޅުގަނޑަށް ފައިދާ އޮތީ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދޮގު ވާހަކަތައް ފަތުރާ މީހުން އެ ދެނީ އެމަނިކުފާނަށް ސަވާބާއި މޮޅު ކަމަށެވެ.
މި މައްސަލައަކީ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު އިސްވެ ތިއްބަވައި ތައްޔާރުކުރި ޑޮކިއުމަންޓްރީއެއްގައި ރައީސަށް ގަޒްފުކުރި ކަމަށް ބުނާ މައްސަލައެކެވެ. މި ޑޮކިއުމަންޓްރީގައިވާ ވާހަކަތައް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވެސް ދޮގުކުރައްވާފައެވެ. އަދި އެ ޑޮކިއުމަންޓްރީގައިވާ އެއްވެސް ވާހަކައެއް އާންމުނުކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ އަމުރެއް ވެސް ނެރެފައެވެ.
މީގެ އިތުރުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ވެސް ރައީސް ވަނީ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ. ރައީސް ވިދާޅުވީ ފަސްޓް ލޭޑީ އިނގިރޭސިވިލާތަށް ވަޑައިގަތީ ދަރިކަލުންނާ ބައްދަލުކުރެއްވުމަށް މާ ކުރިން ރޭވިފައިވާ ދަތުރުފުޅެއްގައި ކަމަށާއި، ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަން ވެސް ބަދަލުކޮށްލީ އެމީހުން ބޭނުންވާ ފަދަ ދޮގު މަންޒަރެއް ދެއްކުމަށް ކަމަށެވެ.
އިދިކޮޅު ސިޔާސީ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް ނަޝީދާއި، ރައީސް ސޯލިހް އަދި ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ގައުމަށް ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ހަރަކާތެއް ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިހާރު އިދިކޮޅުގައި ތިއްބެވީ "ފެއިލްވެފައިވާ" ބައެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތުން ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުރީ ސަރުކާރުން ނަގާފައިވާ ބޮޑު ސުކޫކަކަށް ދައްކަންޖެހޭ 524 މިލިއަން ޑޮލަރު ހިމެނޭއިރު، އެ ދަރަނި ދެއްކުމާއެކު ރަހުނުކޮށްފައިވާ ދައުލަތުގެ ހަރުމުދާތައް މިހާރު މިނިވަންކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން ޤައުމު އޮތް އަނދަވަޅުން ސަލާމަތްކުރުން ކަމަށެވެ.
"އެ ސުކޫކުގެ ދަރަނި 524 މިލިއަން ޑޮލަރު އަޅުގަނޑުމެން ދެއްކިއިރުގައި އަޅުގަނޑުމެންގެ ވަރުގަދަ ހަރު މުދާތައްވެސް ވަނީ ރަހުނުކޮށްފައި. އެ ރަހުނުންވެސް ސަލާމަތްކޮށް މިހާރު ވަނީ ރައްޔިތުންގެ އަތްމައްޗަށް ގެނެސްދީފައި" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދާ ދެމެދު މައްސަލަޖެހިފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ރައީސް ދޮގުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ފަސްޓްލޭޑީ އިނގިރޭސިވިލާތަށް ވަޑައިގަތީ ދަރިކަލުންގެ ކައިރިއަށް ކުރިން ރޭވިފައިވާ ދަތުރުފުޅެއްގައި ކަމަށެވެ. އަދި ޤައުމަށް ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ކަމަށާއި، ކުރީގެ ވެރިން އެކަކު އަނެކަކާ ގުޅިގެން މިހާރު ކުރައްވާ މަސައްކަތްތަކަކީ ޒުވާނުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކިތަންމެ ވަރަކަށް ދޮގު ފެތުރިޔަސް ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.