ސަރުކާރުތެރެއިން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ސަރުކާރުތެރެއިން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ: ވަޒީރު ސަޢީދު

އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ އަޑު ސަރުކާރުން އަހައިފި ކަމަށާއި، ސަރުކާރުގެ ތެރެއިން އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ ދެ ދުވަހުގެ މުއްދަތަށް އައްޑޫގައި ކުރިއަށް ގެންދިޔަ "ބިޒްނަސް ޑައިލޮގް" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަހާސިންތާއަކީ އައްޑޫގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށާއި ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި މި މަހުގެ 13 އިން 14 އަށް ކުރިއަށް ގެންދިޔަ މި ބިޒްނަސް ޑައިލޮގަކީ އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާ އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމު ކުރި ހަރަކާތެކެވެ. މި މަހާސިންތާގައި އައްޑޫގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި، އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަހާސިންތާގެ ތެރޭގައި އައްޑޫގެ އިޤްތިޞާދީ ހާލަތާއި މިހާރު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. ވަޒީރު ވިދާޅުވީ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު މަޢުލޫމާތުތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ އެއްގޮތަށް ސަރުކާރުގެ ތެރޭގައި ވިލަރެސް ކުރައްވާނެ ކަމަށެވެ.

"ތިބޭފުޅުންގެ އަޑު އަދި މިތާގެ އަޑު އިއްވައިފި. މިތާ ނެތް ފަރާތްތަކުގެ އަޑު ސަރުކާރަށް އިއްވައިފި. އެހެންވީމަ މުޢައްސަސާތަކުގެ މައްޗަށް ދައުލަތް ލާޒިމް ކުރާ ކަމަކީ، ވިޔަފާރިވެރިންގެ އަޑު ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާއި ހަމައަށް ގެނެސްދޭން ކޮންސެޕްޗުއަލައިޒް ކުރާށޭ ނުވަތަ އެވާހަކަ ގެނެސްދޭށޭ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އައްޑޫއަށް ވަޑައިގެން ވިޔަފާރިވެރިންނާ ބައްދަލުކުރެއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކަށް ކަމަށާއި، ޔަޤީނުންވެސް ވިޔަފާރިވެރިންގެ އަޑު ސަރުކާރުގެ ތެރޭގައި އިއްވައިދީ، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

މިއަދު އޮންލައިން