ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާ ނިޔާވާއިރަށް އޭނާދެކެ ވެވުނު ލޯބި ހަނދާން ނެތޭ މީހުން ކިޔާލަން މުހިންމު ޙާދިސާއެއް! ލޯބިވުމުގަ ނަމޫނާ ފިރިއެއް ހަމަ ރާއްޖެއިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާ ނިޔާވާއިރަށް އޭނާދެކެ ވެވުނު ލޯބި ހަނދާން ނެތޭ މީހުން ކިޔާލަން މުހިންމު ޙާދިސާއެއް! ލޯބިވުމުގަ ނަމޫނާ ފިރިއެއް ހަމަ ރާއްޖެއިން!

އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އެންމެ 2 ދެމަފިރިން (2 ކައިވެނި) ނޫނީ ލޯބިން އުޅޭކަމަކަށް ނުބުނެވޭނެއެވެ. އެކުގައި އުޅުނަސް އުޅެނީއެއް ނޫނެވެ. ތެޅެނީއެވެ. ތެދުވެރި ލޯބި ދުނިޔެއިން ހުސްވަނީތޯ؟ ދެން ޖެހޭނީ އެންމެންނަށް ލޯތްބާ ނުލާ އުޅެންތޯ؟  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކަށް ބުނަން އޮތީ ވަފާތެރިކަންވެސް އަދި ތެދުވެރި ލޯބިވެސް ދިރިދެމިގެންވެއެވެ. ނަމަވެސް ގިނަބައެއްގެ ކިބައިން ފެންނަ ނުބައި ކަންކަމުގެ ސަބަބުން އެކަންކަން ޤަބޫލުކުރަން އުނދަގޫވަނީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ހިތްހަމަޖެހުން ލިބިލައްވާނެއެވެ! އިން ޝާ ﷲ  

މިއަދުނޫހުގައި ކޮންމެ ދުވަހަކުހެން މިގެންދަނީ ކިޔުންތެރިންގެ ފަރާތުން ލިބޭ ޢިބްރަތްތެރި ވާހަކަތައް ޝާއިޢުކުރަމުންނެވެ. މިފަހަރު މިގެނެސްދެނީ މީގެ 5 އަހަރުކުރިން ފުރްޤާން މިސްކިތުގައި ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. ވަރަށް ފުރިހަމަ ޙަޤީޤީ ޙާދިސާއެއްގެ ވާހަކައެވެ.  

މިވާހަކަ އެދުވަހުވެސް ވާނީ ޝާއިޢުކޮށްފައެވެ. ޚަބަރެއްގެ ގޮތުގައެވެ. އެހެންކަމުން ތަކުރާރުކޮށްމިލަނީ ހަމަ އެވާހަކައެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު މިއަދުނޫހުގެ ކިޔުންތެރިންގެ ޢަދަދު ބޮޑުތަނުން އިތުރުވެފައިވާތީ ގިނަބައެއްގެ ސަމާލުކަމަށް މިވާހަކަ ގެނައުމުގެ މުހިންމުކަން ފާހަގަކުރެވޭތީއެވެ.  

އެއީ ފުރްޤާން މިސްކިތުގައި ޝައިޚް ޢަލީ ޒައިދު ދަރުސް ދެއްވި ދުވަހެކެވެ. ދަރުސް ނިންނަވައި ލެއްވެމުން ގިނަ ބައަކު ބައްދަލުކޮށް ދީނުގެ އެކިއެކި ކަންކަން އޮޅުން ފިލުވަން ސުވާލުކުރިއެވެ. އެތަނުގައި ހުރި އުމުރުން 80 ވަރަކަށް އަހަރުގެ މީހެއްގެ ސުވާލު ވަރަށް ތަފާތެވެ.  

"ވިހެއުމުގެ ތެރޭގައި މަސްތުރަނުވެ މަރުވާ އަންހެނުންނަށް އޮތީ ކޮން ދަރަޖައެއްތޯއެވެ؟" ޖަވާބުގައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެއީ 2 ވަނަ ދަރަޖައިގެ ޝަހީދުން ކަމަށެވެ. އެހިސާބުން އެމީހާގެ މޫނަށް އާދައާ ޚިލާފް ހިނިތުންވުމެއް ލިބުނެވެ.  

އެތަން ފެނިފައި ސިއްރުން އަޅުގަނޑު އޭނާ އެއްކައިރިކޮށްލީމެވެ. އަދި މަޑުމަޑުން ސުވާލުކޮށްލީމެވެ. "ބޭބެގެ އަނބިމީހާ މަރުވީ އެފަދަ ގޮތަކަށް ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުނީ އޭނާގެ ފުރަތަމަ، އަލަތު އަނބިމީހާ މަރުވީ މީގެ 40 ވަރަކަށް އަހަރު ކުރިން އެފަދަ ހާލުގައި ކަމަށެވެ. އަދި އޭނާ އެންމެ އެދޭ ކަމަކީ ސުވަރުގެއިން އަލަތު އަނބިމީހާ އާއި ބައްދަލުވުން ކަމަށްވާތީ އެ ސުވާލު ކުރެވުނީ ކަމަށެވެ.

ތެދުވެރި ލޯބީގެ ނަމޫނާއަކަށް ބަލަންވީ މިފަދަ މީހުން ނޫންތޯއެވެ؟ ޢިބްރަތް ޙާޞިލުކުރަންވީވެސް މިފަދަ މީހުންގެ ކިބައިން ނޫންތޯއެވެ! އަނބިމީހާ މަރުވިތާ 40 އަހަރުވީއިރުވެސް އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަލަތު އަނބިމީހާއެވެ. އޭނާ އެންމެ އެދޭ ކަމަކީ ސުވަރުގެއިން އަނބިމީހާ އާއި ބައްދަލުވުމެވެ.

މީގެ އަނެއްކޮޅު ވެސް ވަނީ ފެނިފައެވެ. އުމުރުން 70 އަހަރާއި ގާތްކުރާ ފިރިހެނަކު ބަލި ހާލުގައި އޮތް އޭނާގެ  ކުރީގެ އަނބިމީހާއަށް ނަފްރަތުކުރަނީ އަވަހަށް އޭނާ މަރުނުވެގެންނެވެ. ދެވަނަ އަންބަކު ގެއަށް ގެންނާނެ ޖާގަ ގޭގައި ނެތުމުންނެވެ.

މުސްކުޅިންގެ ހާލު މިފަދަ ގޮތްގޮތަށް ހުރިއިރު އަނބިމީހާ ކިރިޔާވެސް ބައްޔެއް ވެއްޖެނަމަ އޭނާ އަވަހަށް މަރުނުވެގެން ކަންބޮޑުވެފައި ތިބީ ކިތައް ފިރިންތޯއެވެ؟ އަނބިންގެ މެދުގައި ވެސް މިކަން ހަމަ މިގޮތަށް އޮންނާނެއެވެ. މިފަދަ މީހުން، ފުރަތަމަ މި ބަޔާންކުރި މީހާގެ ކިބައިން ޢިބްރަތް ޙާޞިލުކުރުން ކީއްތޯއެވެ؟

މީހާގެ އީމާންކަން ފުރިހަމަވަނީ އެމީހާއަށް އެދޭ ކަންކަން އެހެން މީހުންނަށް ވެސް ލިބުމަށް އެދޭނަމައެވެ. އެއްވެސް މީހަކު އެމީހާ މަރުވުމަކަށް ނޭދޭނެއެވެ. ވީއިރު އެހެން މީހަކު މަރުވުމަށް އެދޭމީހާގެ އޮތީ ކޮން އީމާންކަމެއްތޯއެވެ؟

ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ މީހަކު މަރުވުމަށް އެދޭނަމަ އެމީހާގެ އީމާންކަން ފުރިހަމަ ނުވާ ކަމަށާއި އެއްވެސް މީހަކު މަރުވުމަށް އެދުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށެވެ.

 

މިއަދު އޮންލައިން