ސަރުކާރުން ހޯދާފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، ރާއްޖޭގެ މާލީ ހާލަތު ހަމަމަގަށް އެޅުވުން: ތަރުޖަމާނު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ސަރުކާރުން ހޯދާފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، ރާއްޖޭގެ މާލީ ހާލަތު ހަމަމަގަށް އެޅުވުން: ތަރުޖަމާނު

މިހާތަނަށް ސަރުކާރުން ހޯދާފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރާއްޖޭގެ މާލީ ހާލަތު ހަމަމަގަށް އެޅުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 'ޕްރެސަރ ވިތު ދަ ސްޕޮކްސް'ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ގަބޫލުފުޅުކުރައްވާ ގޮތުގައި، ކުރީގެ ސަރުކާރުތަކުން ވާރުތަވި ބޮޑު ދަރަނި މެނޭޖުކޮށް، އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަކީ މި ސަރުކާރުން މިހާތަނަށް ހާސިލުކުރި އެންމެ މުހިންމު ލަނޑުދަނޑި ކަމަށެވެ. ޚާއްސަކޮށް، ތަރައްޤީގެ މަޝްރޫއުތަކަށް ޖާގަ ހޯދަމުން، ދަރަނި އިތުރަށް ނުއުފުލޭނެ ގޮތަކަށް އިސްތިރާޖީ ސިޔާސަތުތަކެއްގެ ދަށުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޚާރިޖީ ދާއިރާއިން ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ތަރުޖަމާނު ވިދާޅުވީ، ދަރަނި އަދާކުރަން ޖެހޭ ޤައުމުތަކާއި އެކި ފަރާތްތަކާ ގާތް ގުޅުމެއް ބާއްވައިގެން މަޝްވަރާކުރެވިފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ އެހީތެރިކަމާއެކު މާލީ ގޮންޖެހުންތަކަށް ހައްލު ހޯދިފައިވާކަން ފާހަގަކުރައްވައި، މީގެ ސަބަބުން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ދެކޭގޮތް ރަނގަޅުވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ކުރިއަށް އޮތް ތަނުގައި ރަނގަޅުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ތަރުޖަމާނު ވަނީ ދަރަނި އަދާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، ފާއިތުވި 40 ދުވަހުގެ ތެރޭގައި އެކަނިވެސް 974 މިލިޔަން ޑޮލަރުގެ ދަރަނި ސަރުކާރުން ދައްކާފައިވާކަމަށް މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ މާލީ އިސްތިޤްލާލު ހިފެހެއްޓުމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން