ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް އާއިލީ ގުޅުން ބަދަހިކުރުން މުހިންމު: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް އާއިލީ ގުޅުން ބަދަހިކުރުން މުހިންމު: މެޑަމް ސާޖިދާ

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށާއި އުޖާލާ މުސްތަޤުބަލެއް ބައްޓަންކުރުމަށްޓަކައި، އާއިލާތަކުގެ ތެރޭގައި އޮންނަ ލޯތްބާއި، އަޅާލުމާއި، އެކަކު އަނެކަކަށް ފޯރުކޮށްދޭ އެހީތެރިކަމަކީ ނުހަނު ބޭނުންތެރި ކަންކަން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި، މިހާރުގެ ދުނިޔޭގައި އާއިލާތަކަށް ކުރިމަތިވަމުންދާ އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، މައިންބަފައިންނާއި، ކުދިންނާއި، އަދި އާއިލާގެ މެންބަރުން ބަލަހައްޓާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މީގެ އިތުރުން، އާއިލާތަކުގެ ފުރިހަމަ ކުރިއެރުމަށް މަސައްކަތް ކުރުމަކީ، ފާގަތި އަދި ތަނަވަސް ދިވެހިރާއްޖެއެއްގެ ބިންގާ އެޅުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި މެޑަމް ސާޖިދާ ސިފަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ އެންމެ މުހިންމު ބިންގާ ކަމުގައިވާ އާއިލީ ގުޅުންތަކަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މިއަދު އޮންލައިން