މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ފުރަތަމަ ގްރޫޕް މިއަދު ފުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ފުރަތަމަ ގްރޫޕް މިއަދު ފުރަނީ

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރުމަށް ހަމަޖެހިއްޖެއެވެ. މިއަދު ފުރާ ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި 238 މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ސަޢޫދިއާ އެއާލައިންގައެވެ. ދިވެހިރާއްޖެއަށް މިއަހަރުވެސް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ރަސްމީ 1000 ކޯޓާ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ޙައްޖުވެރިންގެ ދަތުރުގެ އިންތިޒާމްތައް ވީހާވެސް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ޙައްޖުވެރިން ސަޢޫދީ ޢަރަބިއްޔާއަށް ގެންދިއުމަށްޓަކައި ޖުމްލަ 4 ފްލައިޓެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ ސަޢޫދިއާ އެއާލައިންގެ 2 ފްލައިޓާއި، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ 2 ފްލައިޓެވެ. ފުރަތަމަ ގްރޫޕް މިއަދު ފުރާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން:

މިމަހުގެ 17 ވަނަ ދުވަހު: މޯލްޑިވިއަންގެ ފްލައިޓުގައި 257 ޙައްޖުވެރިން. މިމަހުގެ 18 ވަނަ ދުވަހު: ސަޢޫދިއާ އެއާލައިންގައި 267 ޙައްޖުވެރިން. މިމަހުގެ 19 ވަނަ ދުވަހު: މޯލްޑިވިއަންގެ ފްލައިޓުގައި 256 ޙައްޖުވެރިން.

ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަރަށް ފުރިހަމައަށް ހަމަޖެހިފައިވާއިރު، ޙައްޖު ކޯޕަރޭޝަނުންނާއި ކަމާގުޅޭ މުއައްސަސާތަކުން ދަނީ ޙައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ ހުރިހާ ދިވެހި ޙައްޖުވެރިންނަށް އަމާން އަދި ފަސޭހަ ދަތުރަކަށް ދިވެހި ސަރުކާރާއި ރައްޔިތުން އެދެއެވެ.

މިއަދު އޮންލައިން