ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވެފައިވާ ވިސާ އެގްޒެމްޕްޝަން އެއްބަސްވުމަށް މިއަދު އަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅިގެން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، 15 މެއި 2026 އިން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ ސޭޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯރ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޚާރިޖީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖެއާއި ސޭޝެލްސްއާ ދެމެދު އޮތް ގާތް ގުޅުން ހާމަކޮށްދޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
"މި މުހިންމު ފިޔަވަޅުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން،" ވަޒީރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށާއި ސޭޝެލްސްގެ ރައްޔިތުންނަށް ދެ ޤައުމުގެ ރީތި ގުދުރަތީ މާހައުލާއި ކަނޑުފަޅުތަކުގެ ހިތްގައިމުކަން ތަޖުރިބާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.