މިއަދުން ފެށިގެން ކުރިއަށް އޮތް ހަފުތާ ބަންދުގެ ދެދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވި ނަމަވެސް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ވައި މަޑުވެ މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހަފުތާ ބަންދުގެ ދެދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ދަނީ އެކި ސަރަހައްދުތަކަށް ސަމާލުތައް ނެރެމުންނެވެ. އެގޮތުން، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ބަލައި އެ އިދާރާއިން ވަނީ މިހާރުވެސް ހުދު ސަމާލު ނެރެފައެވެ. މި ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މިއަދާއި މާދަމާ (ހުކުރު އަދި ހޮނިހިރު) ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެއެވެ. އަދި އާންމުކޮށް ހުރިހާ ހިސާބަކަށް ވައިގަދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ވައި ޖެހޭ ބާރުމިން މަޑުވެ، ކަނޑުތައްވެސް މަޑުވާން ފަށާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.