ދެ މަޝްރޫޢެއްގެ ދަށުން ރާއްޖޭގެ 32 ރަށެއްގައި ކުރިއަށްގެންދާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކުގެ ތެރެއިން 17.5 މެގަވޮޓްގެ ހަކަތަ ޤާއިމުކޮށް، އެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މިއީ ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ.
ދުނިޔޭގެ ހަކަތައިގެ ސިނާޢަތަށް އަންނަމުންދާ ބަދަލުތަކާއެކު، ކަރަންޓު އުފެއްދުމަށް ރާއްޖެއިން ތެލަށް ކުރަމުންދާ ބޮޑު ހޭދަ ކުޑަކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކަރަންޓު އުފެއްދުމަށް ތެލަށް އެކަނިވެސް ރާއްޖެއިން އަހަރަކު އެވްރެޖްކޮށް 443 މިލިއަން ޑޮލަރު ހޭދަކުރެއެވެ.
މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްޞީލަށް ބަލާއިރު، ރ. އަތޮޅާއި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 25 ރަށެއްގައި 6.5 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ބޮޑެތި އާބާދީތައް ހިމެނޭ ސަރަޙައްދުތަކުގައި ކުރިއަށްދާ 11 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ސިސްޓަމްގެ މަސައްކަތްވެސް ނިމުމަކާ ވަނީ ގާތްވެފައެވެ. މީގެ ތެރޭގައި ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ޅ. ހިންނަވަރު، ގދ. ތިނަދޫ، އަދި އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ އަދި މީދޫ ހިމެނެއެވެ. މި މަޝްރޫޢުގެ 97 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
މި މަޝްރޫޢުތައް ނިމި ބޭނުންކުރަން ފެށުމުން، ތެލަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެ، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.