ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުން އަންނަނީ އިސްލާމް ދީނެވެ. އެހެންކަމާއިއެކުގައިވެސް އެއްވެސް މުސްލިމުން ވިސްނާލަންޖެހޭނެ ކަމެއް އެބައޮތެވެ! ފުރަތަމަ ކަމަކީ އިސްލާމް ދީނުގެ ޙުކުމްތައް އެނގިތިބެވެސް އިސްލާމްވާ މީހުންގެ ޢަދަދު މިހައި ގިނަވާ ސަބަބެވެ. އެކަމުން އެނގެނީ ކޮންކަމެއްހެއްޔެވެ؟ އެންމެ ސާފު ޖަވާބަކީ އިސްލާމް ދީނުގައިވާ ޙުކުމްތަކަކީ އެންމެ ފައިދާހުރި ޙުކުމްތައްކަން އެމީހުންނަށް ޔަޤީންކުރެވޭތީއެވެ.
ވަރަށް ގިނަ ބައަކު ކުރާ ސުވާލެކެވެ. އިސްލާމް ދީނުގައި ޤަވާއިދުތައް މާގިނައީ ކީއްވެގެން ހެއްޔެވެ؟ މަނާ ކަންކަން އެހައި ގިނައީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ސުވާލުތައް އެކުރަނީ އިސްލާމް ދީން އެމީހަކަށް ނުއެނގޭތީއެވެ.
ފުރަތަމަ ކަމަކީ މީހެއްގެ އަޚްލާޤް ރަނގަޅުކުރުމަށްޓަކައި ޤަވާއިދުތަކެއް ބޭނުންވާ ކަމެވެ. ހަރުދަނާ އުޞޫލުތަކެއް ބޭނުންވާ ކަމެކެވެ. މިސާލަކަށް ބަލާށެވެ! ސިވިލް ސަރވިސްގެ ޢާންމު ޤަވާއިދުތަކަށްވުރެ އަސްކަރީންނާއި ފުލުހުންނަށް ހުންނަ ޤަވާއިދުތައް ގިނަވާނެއެވެ. އެއީ އެމީހުންގެ އަޚްލާޤް ފުރިހަމަކުރުމަށެވެ. އެމީހުންނަކީ އެހެން މީހުންނަށް ނަމޫނާއަކަށް ވާންޖެހޭ ބައަކަށްވާތީއެވެ. ﷲ ތައާލާއަށް އީމާންވެގެން ތިބި މުސްލިމުންނަކީވެސް އެފަދަ ފުރިހަމަ ނަމޫނާ ބައަކަށްވާން ޖެހެއެވެ.
ދެވަނަ ކަމަކީ ކޮންމެ ދީނަކަށް ބެލި ނަމަވެސް ހިފަހައްޓަން ޖެހޭ އަޚްލާޤީ ހަމަތަކެއް އެބަ ހުރެއެވެ. ނަމަވެސް އެމީހުން އެކަން ނުހިފަހައްޓަނީއެވެ. މިސާލަކަށް ބަލާނަމަ ފާހިޝް އަމަލުކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ވައްކަންކުރުމާއި މީހުން މެރުމާއި މީހުންނަށް އަނިޔާވެރިވުމާއި ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ އިންސާނިއްޔަތަށް ގެއްލުންހުރި ކަންކަން ކުރުން ހުއްދަ އެއްވެސް ދީނެއް ނެތެވެ. އޮތް ނަމަ ނިކަން ދައްކަ ބަލާށެވެ! ނުދެއްކޭނެއެވެ! ހަމައެކަނި މައްސަލައަކީ އެކަންކަން އެމީހުން ތަންފީޒު ނުކުރުމެވެ. ހުރިހާ ކަމެއް ހިތް އެދޭހައި ގޮތަކަށް ކުރަން ދޫކޮށްލާފައި އޮތުމެވެ.
ވީމާ އިސްލާމް ދީނަކީ ޤަވާއިދުތައް ގިނަ ދީނެއް ނޫނެވެ. ޤަވާއިދުތައް ވަރަށް މަދު ދީނެކެވެ. ހަމައެކަނި މަނާވެގެންވަނީ އިންސާނުންނަށް ގެއްލުން ހުރި ކަންކަމެވެ. އިސްލާމް ދީނުގައި މަނާވެގެންވާ ކަންކަމުގެ ތެރޭގައި އެކަމެއް ކުރުމުން އިންސާނުންނަށް ޙަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ކަމެއް ނެތެވެ. މަނާ ކުރެވިގެންވާ ކަންކަން ވަކިވަކިން ދިރާސާކޮށްބަލާށެވެ!
ހިތާމައަކީ ބައެއް މުސްލިމުން މިއަދު މިފަދަ ކަންކަން ދިރާސާނުކުރާ ކަމެވެ. އެކަންކަން ދިރާސާކުރާ އެހެންދީންތަކުގެ މީހުންނަށް ޙަޤީޤަތް އެނގި އެދަނީ އިސްލާމްވަމުންނެވެ. ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީން ކަމުގައި ވެފައި މިވަނީ އެ ސަބަބަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން