މިސްކިތަށްދާ މީހަކު މިސްކިތާ ދުރުހެލިވާނެ އެއްވެސް ކަމެއް ނުކުރާށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
މިސްކިތަށްދާ މީހަކު މިސްކިތާ ދުރުހެލިވާނެ އެއްވެސް ކަމެއް ނުކުރާށެވެ!

މީސްތަކުންނޭވެ! މިސްކިތަށް މީހަކު އަރައިފިނަމަ އެމީހަކާއިމެދު އޯގާތެރިވާށެވެ! ރިވެތި ބަހުރުވައިން މުޚާޠަބްކުރާށެވެ. ނޫންނަމަ މިސްކިތްމަތިން ފޫހިވެ ދެވަނަ ފަހަރު އޭނާ މިސްކިތަށް ނައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެގޮތަށް މެދުވެރިވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. 

އެއް ދުވަހަކު މިސްކިތަށް އެރި ޒުވާނެކެވެ. އޭނާ ލައިގެން ހުރި ޓީޝާޓުގެ ފުރަގަހުގައި ވަނީ ލަވަކިޔުންތެރިއެއްގެ ފޮޓޯއެވެ. އެތަން ފެނުމުން އެކަކު ރުޅިގަދަވެ އެންގީ ވަގުތުން މިސްކިތުން ފޭބުމަށެވެ. ޒުވާނާ އާއި މުޚާޠަބްކުރި ގޮތުން ރުޅި ގަދަވެ އޭނާގެ ގައިގަ ޖަހާ ހިސާބަށް ގޮސްފައިވަނިކޮށް އެތަނަށް މުސްކުޅިއަކު ދިއައެވެ. އަދި މަޑުމަޑުން އެ ޒުވާނާއަށް ގޮވައި ގެނެސް ބުނީ ކަންބޮޑު ނުވުމަށެވެ. މިސްކިތުގެ ފަހަތުގައި ޖެކެޓް ހުންނާނެ ކަމަށާއި ޖެކެޓެއްލައި ނިވާވެގެން އައިސް ނަމާދުކުރުމަށެވެ. އަދި ދެން އެފަދަ ފޭރާމެއްގައި މިސްކިތަށް ނައުމަށެވެ. ޒުވާނާ، އެ ނަޞޭޙަތް ޤަބޫލުކޮށް އެގޮތަށް ޢަމަލުކުރިއެވެ.

އަހަރެމެން މިސާލު ނަގަން ޖެހޭނީ މިސްކިތަށް ކުޑަކަމުދާން އިން މީހާ ފެނިވަޑައިގަތުމުން ރަސޫލް (ﷺ) މުޢާމަލާތު ކުރެއްވެވިގޮތުންނެވެ. ކަންކަން އިޞްލާޙްވާނީ އެއިރުންނެވެ.  

ބައެއް ޞަހާބީން ބޭނުންފުޅުވީ އެމީހާ ވަގުތުން މިސްކިތުން ނެރެ ބޭރުކޮށް ލެއްވެވުމަށެވެ. ނަމަވެސް އޭނާ އެކުރި ކަންތައް ކޮށް ނިންމަންދެން ރަސޫލް (ﷺ) ކެތްތެރިވެވަޑައިގެންނެވިއެވެ. އަދި ކެތްތެރިވެވަޑައިގަތުމަށް ޞަހާބީންނަށް އަމުރުފުޅު ކުރެއްވެވިއެވެ. އޭނާ ގެންނަވައި މަޑުމައިތިރިކަމާއިއެކު ނަޞޭޙަތް ދެއްވެވީ އޭނާ ކުރި ކަންތައް ކޮށް ނިމުމުންނެވެ. މިއީ ދައްކަވައި ދެއްވެވި ކޮންފަދަ ރިވެތި މިސާލެއް ހެއްޔެވެ؟ 

މީހަކަށް މިސްކިތުގައި ނުރަނގަޅު ކަމެއް ކުރެވޭތަން ފެނުނު ނަމަވެސް ރިވެތި ގޮތުގައި މުޢާމަލާތުކޮށް އެކަމެއް އިޞްލާޙްކުރަން މަސައްކަތްކުރުމަށް މަސައްކަތްކުރާށެވެ. ކަންކަން އިޞްލާހް ކުރެވޭނީ އޯގާތެރިކަމާއިއެކު މުޢާމަލާތުކޮށްގެންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން