ހިތްނުފުރޭ ބައިވެރިއެއްގެ ބަހަށް ހެއްލެވުނު ބޭބެއަކަށް މަރުގެ އަދަބާ ކުރިމަތިލާންޖެހުނު އަސަރުގަދަ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ހިތްނުފުރޭ ބައިވެރިއެއްގެ ބަހަށް ހެއްލެވުނު ބޭބެއަކަށް މަރުގެ އަދަބާ ކުރިމަތިލާންޖެހުނު އަސަރުގަދަ ޙާދިސާއެއްގެ ވާހަކަ-

އެއީ ދެބައިންނެވެ. ދެބައިންވެސް ކުރަނީ ވިޔަފާރިއެވެ. އެކަކަށް އުޅެންޖެހެނީ އަބަދުވެސް ލިބޭ މިންވަރުން ދެކޮޅުނުޖެއްސިގެންނެވެ. އަނެކަކު މަސައްކަތުގައި ބާރަށް ކުރިއައިދެއެވެ. މިބުނީ އޭނާގެ ވިޔަފާރި ކުރިއަރައިދާ ވާހަކައެވެ.  

ކުރިނާރައިގެން އުޅެނީ ބޭބެގެ ވިޔަފާރިއެވެ. މައްސަލައަކަށްވެފައި އޮންނަނީ އަނބިމީހާގެ ޚަރަދުތައް ބޮޑުކަމެވެ. އަގުބޮޑު ގަހަނާއާއި ފޭރާން ގަނެ ހިތްނުފުރޭ ކަމެވެ. އެކަން ކޮއްކޮއަށް އެނގޭއިރުވެސް އެހީއަކަށް އެދިއްޖެނަމަ އެހީތެރިވެއެވެ. އަޚުވަންތަކަން ދަމަހައްޓަން ބޭނުންވާތީއެވެ.

އިބިލީހުގެ ބަހަށް ނުހެއްލޭ މީހުންވެސް ޝައިޠޯނާގެ ބަހަށް ހެއްލޭކަމަށް ބުނާ ބުނުމަކީ ތެދެކެވެ. ބޭބެގެ އަނބިމީހާ އޭނާއަށް ވިސްނައިދެމުން ދިއައީ ކޮއްކޮގެ ވިޔަފާރިކުރިއަރާއިރު ޢޭނާގެ ވިޔަފާރި ކުރިނާރަނީ ކޮއްކޮ ސިޙުރުހަދާތީ ކަމަށެވެ. ކޮއްކޮގެ ދެމަފިރިން ދުނިޔެއިން ދުއްވާލައިގެން ނޫނީ ކުރިނާރާނެ ކަމަށެވެ. އަދި ދުއްވާލެވިއްޖެނަމަ ޢޭނާގެ ތަނަވަސްކަންވެސް ވާރުތަވެ އުފަލުގައި އުޅެވޭނެ ކަމެވެ.  

އަނބިމީހާ ރޭވި ދަންތުރައިގައި ބޭބެ ޖެހުނެވެ. ކޮއްކޮ އޭނާގެ އަންހެނުން ގޮވައިގެންދަނިކޮށް ކާރު އެކްސިޑެންޓްކުރުވިއެވެ. އެކްސިޑެންޓްގައި އަނބިމީހާ މަރުވިއެވެ. ކޮއްކޮ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ހޭއެރުމުން ޑޮކްޓަރުންގެ ކިބައިން އެދުނީ ހޭއެރިކަން އެއްވެސް މީހަކަށް ނުއެންގުމަށެވެ. އަދި އޭނާ މަރުވެއްޖެކަމަށް ބުނުމަށެވެ. އެގޮތަށް އެދުމުން ޑޮކްޓަރުން މޯޗަރީގައި އޮތް ޗިސްޗިސްވެފައިވާ ހަށިގަނޑެއް ބޭބެއާއި ޙަވާލުކުރިއެވެ. އަނިޔާލިބިފައިވާލެއް ބޮޑުކަމުން ސިފަ ވަކިކުރަންވެސް ނުއެނގެއެވެ.  

ބޭބެގެ އަނބިމީހާ ރޭވިގޮތަށް ކޮއްކޮގެ ގެއާއި ވިޔަފާރީގެ މައްޗަށް ދެމަފިރިން ވެރިވެގަތެވެ. ދިރިއުޅުންވެސް އެގެއަށް ބަދަލުކުރިއެވެ. ހުރިހާ ތަނަވަސްކަމެއް ބޭބެގެ މައްޗަށް ބަދަލުކުރުމުގެ ޤާނޫނީ މަރުޙަލާ ކުރިއަށް ގެންދަނިކޮށް ފެނުނީ ފުލުހުންނާއިއެކު ކޮއްކޮ އައިސް ގެއަށް ވަންތަނެވެ.  

"އަހުރެންގެ ދެލޯހައި ލޯބިވީ ބޭބޭއެވެ! އަހުރެން ބޭބެއަށް ކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ؟ އެކަމަކު ބޭބެ އަހުރެންނަށް ތިއަދިނީ މީހަކަށް ދެވޭނެ އެންމެ ބޮޑު ދެރައެވެ. މަސައްކަތްތިއަކުރީ އަހުރެންނާއި އަހުރެންގެ އަނބިމީހާ މަރާލުމަށެވެ. އަނބިމީހާ ދުނިޔެދޫކޮށް އެދިއައީ ބަނޑުގައި އޮތް ދަރިފުޅާއިއެކުގައެވެ. އަހުރެންގެ ފުރާނަ ސަލާމަތްވީ ﷲ ގެ ރަޙްމަތުންނެވެ. ތިއައީ އަޅެ އިންސާނެއް ހެއްޔެވެ؟"  

ކޮއްކޮގެ ތުހުމަތުތައް ދޮގުކުރަން ވާހަކަދައްކަން ފެށުމުން ކޮއްކޮ ބުންޏެވެ. "ބޭބޭއެވެ! ފުލުހުންނާއިއެކު ގޮސް އެމީހުންނަށް ތިއަވާހަކަތައް ކިޔައިދޭށެވެ. މިގޭގައި ބޭބެ ކުރިކަންކަމާއި ދެމަފިރިން ދެއްކި ވާހަކަތަކުގެ ފުޓޭޖް ފުލުހުންގެ އަތުގައި އެހުރީއެވެ. އެހެންކަމާއިއެކުވެސް ކޮއްކޮ ބޭބެއަށް މާފުކޮށްފީމެވެ. އެކަމަކު އަނބިމީހާގެ މަރު ޤާނޫނު މާފެއް ނުކުރާނެއެވެ. އެކަމަށް ކުރެވޭނެ ކަމެއް ނެތެވެ."  

މިއީ އަޅުގަނޑު ކިޔާފައިވާ ޙާދިސާއެކެވެ. ތަނަވަސްކަމަށް ދަހިވެތިވިޔަސް މިއީ ބޮޑުވަރުނޫންތޯއެވެ؟ ބައިވެރިއަކަށް ޝައިޠޯނަކު އިޚްތިޔާރުކުރެވިއްޖެނަމަ ވާނެ ގޮތް މިހާދިސާއިންވެސް އެއޮތީ އެނގޭށެވެ. ނުކުރެވޭނެ ނުބައިކަމެއް ނެތެއް ނޫންތޯއެވެ؟

 

- މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން