ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއެއްގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލަކު މިއަދު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި، ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވެގެން ނިޔާވީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. މި މަޢުލޫމާތު ލިބުމާއެކު، ސިފައިން ވަނީ ކަނޑާއި ވައިގެ މަގުން އެ މީހުން ހޯދުމުގެ ފުޅާ އޮޕަރޭޝަނެއް ފަށާފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިންއަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި 4 ފަތުރުވެރި ޑައިވަރުންނެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ފެނިފައިވަނީ ހަމައެކަނި ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. ބާކީ ތިބި 4 މީހުން ހޯދުމުގެ މަސައްކަތް އަދިވެސް މެދުނުކެނޑި ކުރިއަށްދެއެވެ.

މި ހާދިސާއާ ގުޅިގެން، ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް މިހާރު ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހިފަހައްޓާފައެވެ. ސިފައިންގެ ބޭކަލަކު މި އޮޕަރޭޝަނުގެ ތެރޭގައި ނިޔާވުމާ ގުޅިގެން، ގިނަ ބަޔަކު އަންނަނީ އެ އާއިލާއަށް ތަޢުޒިޔާ ފޮނުވަމުންނެވެ.

މިއަދު އޮންލައިން