ބީއެމްއެލްއަށް ލިބޭ ޑޮލަރުގެ މިންވަރު ޒަރޫރީ ބޭނުންތަކަށް ދަތިނުވާނެހެން ދަނީ މެނޭޖްކުރަމުން: ސީއީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ބީއެމްއެލްއަށް ލިބޭ ޑޮލަރުގެ މިންވަރު ޒަރޫރީ ބޭނުންތަކަށް ދަތިނުވާނެހެން ދަނީ މެނޭޖްކުރަމުން: ސީއީއޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ ޑޮލަރުގެ މިންވަރު ޒަރޫރީ ބޭނުންތަކަށް ދަތިނުވާނެހެން މެނޭޖްކުރަމުންދާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ބޭންކުގެ ޑޮލަރު ލިކުއިޑިޓީ ދަށްކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.

ސީއީއޯ ފާހަގަކުރެއްވި ގޮތުގައި ބޭންކަށް ޑޮލަރު ގަންނަން ލިބޭ ނިސްބަތާއި، ބޭންކުގެ ޑޮލަރު ލިކުއިޑިޓީއަކީ މުޅިން ތަފާތު ދެ ކަމެކެވެ. ރާއްޖޭގެ ބޭންކުތަކުގެ ޑިޕޮސިޓްތަކަށް ބަލާއިރު، ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ޑިޕޮސިޓް ހުރީ ބީއެމްއެލްގައި ކަމަށާއި، އަދި އެންމެ ގިނަ ލޯނުތައް ދޫކޮށްފައިވަނީވެސް އެ ބޭންކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުގެ މާލީ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، "ޑިޕޮސިޓްތަކުގެ ތެރެއިންވެސް ގާތްގަނޑަކަށް %46 އަކީ ޑޮލަރު ޑިޕޮސިޓް. ބޭންކުގައި ނެތް އެއްވެސް ކަހަލަ އެކްސްޓާނަލް ބޮރޯވިންއެއް މިވަގުތު. މުޅި ލޯނު ޕޯޓްފޯލިއޯގެ %45 އާއި %50 އާއި ދެމެދުގައި މިހުރީ ލޯނުވެސް ހަމަ ޑޮލަރު ލޯނު."

މީގެއިތުރުން، ލޯނު ދޫކުރެވިފައިވާ ނިސްބަތް ޑިޕޮސިޓާ އަޅާބަލާއިރު ލޯން-ޓު-ޑިޕޮސިޓް ރޭޝިއޯ ހުރީ ގާތްގަނޑަކަށް 68 އިންސައްތައިގައި ކަމަށް ސީއީއޯ ވިދާޅުވިއެވެ. މިއީ ކަސްޓަމަރުން ބަހައްޓާފައިވާ ޑޮލަރު ޑިޕޮސިޓްތައް ކަމަށާއި، އެ ފައިސާ އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވަނީ ކަސްޓަމަރުންނަށް ލޯނު ދޫކުރުމަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން