ޑައިވިން ހާދިސާއާ ގުޅިގެން "އެމް.ވީ. ޑޫކް އޮފް ޔޯކް" ގެ ލައިސަންސް ސަސްޕެންޑްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޑައިވިން ހާދިސާއާ ގުޅިގެން "އެމް.ވީ. ޑޫކް އޮފް ޔޯކް" ގެ ލައިސަންސް ސަސްޕެންޑްކޮށްފި

ވ. އަތޮޅުގައި ހިނގި ނުރައްކާތެރި ޑައިވިން ހާދިސާއަކާ ގުޅިގެން، "އެމް.ވީ. ޑޫކް އޮފް ޔޯކް" އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ސަސްޕެންޑްކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ އެ އުޅަނދުން ޑައިވިނަށް ދިޔަ ބަޔަކު ގެއްލި، އޭގެ ތެރެއިން އެކަކު މަރުވެފައިވަނިކޮށެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. މި މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ ކަނޑާއި ވައިގެ މަގުން އެ މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.

މި ހާދިސާއާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، "އެމް.ވީ ޑިއުކް އޮފް ޔޯކް" އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް މިހާރު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައި ކަމަށެވެ. މިއީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ބަލައި ތަޙުޤީޤު ކުރުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، އިތުރު 4 ޑައިވަރުންނެވެ. މީގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެ މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށެވެ.

ގެއްލުނު އަނެއް 4 ޑައިވަރުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ ކުރަމުންނެވެ. މި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި މިފަދަ އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.

މިއަދު އޮންލައިން