ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 208,937 އަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 208,937 އަށް އަރައިފި

ޞައްޙަ ވޯކް ޕާމިޓާއެކު ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަދަދު 208,937 އަށް އަރާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ތަފާސްހިސާބުތައް ހާމަކޮށްފައިވަނީ އައްޑޫ ސިޓީގައި ދާދިފަހުން ބޭއްވި 'އައްޑޫ ބިޒްނަސް ޑައިލޮގް' ފޯރަމްގައެވެ. މި ސެޝަންގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޚްސާން ވަނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ 'އޮޕަރޭޝަން ކުރަނގި' ގެ ދަށުން މިހާތަނަށް ހޯދިފައިވާ މުހިންމު ކުރިއެރުންތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

ވަޒީރު ހާމަކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، 12 ނޮވެންބަރު 2023 އިން ފެށިގެން މިއަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ބިދޭސީންގެ ވޯކް ޕާމިޓްތައް ބެލެހެއްޓުމާއި، އެ ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމުގެ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ. މިގޮތުން، މީގެ ކުރިން ވޯކް ޕާމިޓަށް ހުށަހަޅާފައިވާ އަދަދު 295,678 ގައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 232,884 އަށް ތިރިކުރެވިފައެވެ.

މީގެ އިތުރުން، 2012 ވަނަ އަހަރުގެ ކުރީގެ ޑޭޓާބޭސްތަކުގައި ހިމެނޭ، ވެރިފައި ނުކުރެވި ހުރި 86,741 ވޯކް ޕާމިޓްގެ އަދަދު، ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު ވަނީ 19,904 އަށް މަދުކުރެވިފައެވެ. މި މަސައްކަތްތަކާއެކު، ރާއްޖޭގައި މިވަގުތު އޮތް އެކްޓިވް ވޯކް ޕާމިޓްގެ އަދަދު 208,937 އިން 212,980 އަށް އިތުރުވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

'އޮޕަރޭޝަން ކުރަނގި' އަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކޮށް، ޤަވާއިދުގެ ތެރެއަށް ފެއްތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ބޮޑު މަޝްރޫޢެކެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދު ދެނެގަނެވި، ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.

މިއަދު އޮންލައިން