ޔަހޫދީން އަލްއަޤްޞާ މިސްކިތުގެ ހަރަމްފުޅަށް ވަދެގަތުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުގެ މި އަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ފާޅުގައި ޚިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ ނަމާދުކުރަންދާ މީހުންނަށް ހުރަސްއެޅުމާއެކު ހިންގާ މިފަދަ އަމަލުތަކަކީ އަލްއަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، އެ މިސްކިތާ ގުޅިފައިވާ ތާރީޚީ އަދި ދީނީ މުހިންމުކަން ނައްތާލުމަށް ގަސްތުގައި ހިންގާ އުދުވާނީ އަމަލުތަކެއްކަމަށެވެ.
އިންސާނީ ޙައްޤުތަކާ ޚިލާފަށް އިސްރާއީލުން މެދުނުކެނޑި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ "ސްޓޭޓަސް ކޯ" ނުވަތަ އޮންނަންޖެހޭ އަސްލު ހާލަތު އޮޅުވާލުމަށް ކުރާ މަސައްކަތްތަކަށް އެ ޤައުމު ޒިންމާދާރުކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ކުރާ ތާއީދާއި ދޭ އެހީތެރިކަން ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ޚާރިޖީ ވުޒާރާރިން ވަނީ ދީފައެވެ. އަދި އިސްލާމީ މުޤައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އުޞޫލީ ޙައްޤުތައް ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ބާރުއަޅާކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.