މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 50.7 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.7 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 46.6 މިލިޔަން ރުފިޔާއެވެ.
މި އަހަރުގެ މިހާތަނަށް މަހުން މަހަށް މުދަލު ޒަކާތް ލިބިފައިވާ މިންވަރަށް ބަލާއިރު ޖަނަވަރީ މަހު 6.05 މިލިޔަން ރުފިޔާ، ފެބުރުވަރީ މަހު 11.8 މިލިޔަން ރުފިޔާ، މާރިޗު މަހު 27.4 މިލިޔަން ރުފިޔާ އަދި އެޕްރީލް މަހު 5.4 މިލިޔަން ރުފިޔާ އެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތުގެ ފައިސާ ލިބިފައިވަނީ މާރިޗު މަހުގެ ތެރޭގައެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން ކަނޑައަޅާފައިވާ ގޮތުގައި، މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 21,836.50 ރުފިޔާއެވެ.
މުދަލު ޒަކާތަކީ އެމީހެއްގެ އަތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ނުވަތަ ތަކެތި ހުރެ، އެ ތަކެތީގެ މައްޗަށް ހިޖުރީ އަހަރުން އެއް އަހަރު ފުރުމުން ނެރުން ވާޖިބުވާ އެއްޗެކެވެ. ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ މީރާ މެދުވެރިކޮށެވެ.