ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލާގައި ތުހުމަތުވާ މީހުން ބަންދުން ދޫކޮށްލާފައިވަނީ ނިމިދިޔަ ސަރުކާރުގައި ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ، ރިޟުވާނުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން ދޫކޮށްލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިފަހުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރިޟުވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މިހާރުގެ ސަރުކާރުން ކަމަށް ވިދާޅުވެ ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަަމަށެވެ.
ބަންޑާރަނައިބު އިތުރަށް ތަފްޞީލު ދެއްވަމުން ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަމަށެވެ. އެގޮތުން، އެ މައްސަލާގައި ތުހުމަތުކުރެވިގެން ބަންދުކުރި މީހުންގެ ތެރެއިން އެންމެ ފަހުން ބަންދުގައި ހުރި މީހާވެސް ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.
މިއީ ރައީސް ޞާލިހުގެ ސަރުކާރުގެ ދުވަސްވަރު ހިނގާފައިވާ ކަމެއްކަން ހާމަކުރައްވަމުން ބަންޑާރަނައިބު ވަނީ، ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ނޫސްވެރިޔާ ރިޟުވާން ގެއްލުވާލި މައްސަލައަކީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް، އިންސާފު ގާއިމުކުރުމަށް ގިނަ ބަޔަކު އެދިއެދި ތިބި މައްސަލައެކެވެ.