ފެލިދެއަތޮޅުގައި ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުއްވަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ، ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ ބާއްވައިފިއެވެ. މަހުދީގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. އޭނާ ފަސްދާނުލާފައިވަނީ މައްޗަންގޮޅީ އާސަހަރާގައެވެ.
މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދިފާޢީ ވަޒީރު ޙަސަން ރަޝީދުގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމީ ޢިއްޒަތުގައި ބޭއްވި މި ޖަނާޒާގައި ސިފައިން ވަނީ ހަތް ބަޑީގެ ސަލާމެއް އަރުވައި، ރަސްމީ ކުރުނީހެއް އަރުވާފައެވެ. އަދި ސަންދޯއް ވަޅުލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ޤައުމީ ދިދަ މަހުދީގެ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީއަކީ ސިފައިންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވިންގ ޔުނިޓުގައި މަސައްކަތް ކުރެއްވި، ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާ ތަޖުރިބާކާރު ޑައިވަރެކެވެ. މަހުދީ ވަނީ އޯޕަން ވޯޓަރ ޑައިވިންގ ފަދަ ކޯސްތަކުގައި މުދައްރިބެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.
އޭނާގެ އިޚްލާޞްތެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 4 މެޑެއްޔާއި 9 ކުލަ ވަނީ ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި ސާކް ސަމިޓް މެޑެއްޔާއި، މިނިވަން 50 އަދި ޖުމްހޫރީ 50 ގެ މެޑަލްގެ އިތުރުން ކޮވިޑް-19 ގެ އިންސާނީ ޚިދުމަތުގެ މެޑެލް ހިމެނެއެވެ. މަހުދީ ނިޔާވުމުގެ ހިތާމައިގައި، ސިފައިންގެ ދިދަ 48 ގަޑިއިރަށް ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ނިޔާވުމަކީ ދިވެހި ސިފައިންނަށް ލިބުނު ފުން ހިތާމައެއްގެ ގޮތުގައި އެމްއެންޑީއެފުން ވަނީ ސިފަކޮށްފައެވެ. ސިފައިންގެ އެންމެހާ މެންބަރުން ވަނީ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައި، މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކޮށްފައެވެ.