ދައުލަތުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މިރޭ ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. މިއީ އެސްޓީއޯއިން އާންމުންނަށް ހިއްސާ ވިއްކަން ފެށިތާ 25 އަހަރު ފުރޭ އަހަރުކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަމިއްލައަށް ހާޒިރުވި 176 ހިއްސާދާރުންނާއި، ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 87 ހިއްސާދާރުންނެވެ. ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ނިންމީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
އެސްޓީއޯއިން ބުނިގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި އެ ކުންފުނީގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބަހާފައިވަނީ 80 ރުފިޔާއެވެ.
މިދިޔަ އަހަރުގެ މާލީ ނަތީޖާއަށް ބަލާއިރު، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.55 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 763 މިލިޔަން ރުފިޔާ ލިބިފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ.
މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރުގެ ޔައުމިއްޔާ ފާސްކުރުމުގެ އިތުރުން، 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ.