ކުޑައިރު މައިންބަފައިން ކޮންމެ ގޮތަކަށް ކަންކަން
ކުރިނަމަވެސް އެކަމަށް ބަދަލުހިފުމެއް ނެތެވެ. އޮތީ ހެޔޮކޮށް ހިތުމެވެ. ނަމަވެސް ވިސްނާލަންޖެހޭނެ ކަމެއް އެބައޮތެވެ. ކޮންމެ ދަރިއަކީވެސް ތަފާތު ކުއްޖެއް ކަމާއި އެއީ ކޮށްގެންވާނެ ކަމެއް ނޫން ނަމަވެސް ބަދަލުހިފާނެ ކުދިންވެސް ތިބޭނެކަމެވެ.
ވިސްނައިލާށެވެ! ދަރިން ލިބުމުން އެކުދިންނަށް އަޅާލައި ލޯބިދިނުމަކީ މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. މައިންބަފައިންނަށް އަޅާލަން ޖެހުން ދަރިންނަށް ވާޖިބުވަނީ އެކުދިން ބޮޑެތިވުމުންނެވެ. މިއީ އެކަން މާތް ﷲ ތަރުތީބުކުރައްވަވާފައިވާ ގޮތެވެ. މިތަރުތީބު ހިފެހެއްޓުމަކީ މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ.
މިލިޔުމުގައިވާ އެއްވާހަކައަކީ ބަލަމުން އައި ކުއްޖާގެ މައިން ބަފައިން ދަރިފުޅު ބޭނުންނުވެ އެއްލާލަން އުޅުމުން ދަތިޙާލުގަ ކުއްޖާ ބެލި އަންހެނަކަށް ޢަދަދުނުކުރެވޭހާ ގިނަ ނިޢްމަތް ލިބުނު ގޮތުގެ ވާހަކައެވެ. މިއީ މަންމައާއި ބައްޕަގެ ލޯބި އެއްވެސް ވަރަކަށް ނުދީ، އެއްލާލަން އުޅުނު ކުއްޖަކު ބޮޑުވުމުން ދަރިފުޅުގެ އެހީތެރިކަމަށް އެދި ދިއުމުން މައިންބަފައިންނަށް ކުއްޖާ ދިން ޖަވާބުގެ ވާހަކައެކެވެ.
ދެވަނަ ވާހަކައިގައިވަނީ ތަފާތު ގޮތަކަށް ޢަމަލުކުރި ކުއްޖެއެއްގެ ވާހަކައެވެ. ދެވާހަކައަކީވެސް ދަރިންނަށް އަޅައި ނުލެވޭ މައިންބަފައިންނަށް އަސަރުގަދަ ފިލާވަޅެކެވެ. ވިދާޅުވެލައްވާށެވެ!
އަހަރެން އެގެއަށް ދިއައީ އެދެމަފިރިން ދިން ވަޒީފާއެއްގައި އެމީހުންގެ ތުއްތު ދަރިފުޅުބަލާށެވެ. އެއީ ވިހޭތާ 3 މަސްވެސް ނުވާ ލޯބިލޯބި ފިރިހެންކުއްޖެކެވެ. އަމިއްލަ ދަރިއެއް ފަދައިން ކުއްޖާ ގެންގުޅެން ފެށީމެވެ.
ދެމަފިރިން އަބަދުވެސް އުޅެނީ މަސައްކަތުގައެވެ. ދަރިފުޅާއި އަޅައިލާނެ ވަގުތެއް ލިބޭކަމަކަށް ނުވެއެވެ. އަބަދުހެން ދަރިފުޅު ގެންގުޅެނީ އަހަރެންނެވެ. ކުއްޖާ ބޮޑުވަމުން އައިސް ވާހަކަދެއްކެން ފެށުމުން މަންމަކީ އަހަރެންނަށެވެ. ނަމަވެސް އަހަރެންނަކީ މަންމަ ނޫންކަމާއި ބަލަހައްޓާ މީހާކަން ވިސްނައިދިނީމެވެ.
ތަންކޮޅެއް ބޮޑުވިފަހުން ސުވާލުކުރިއެވެ. "ދައްތައަށް މަންމަ ކިޔަން ލިބިދާނެ ދުވަހެއް އަންނާނެހެއްޔެވެ؟ ކޮއްކޮ މަންމަކިޔަން ބޭނުންވަނީ ދައްތައަށެވެ." އެދުވަހުވެސް މަންމައަކީ ކާކުކަން ވިސްނައިދިނީމެވެ.
ހަނދާނުން ނުފިލާނެ އެއްދުވަހެކެވެ. ކުއްޖާ އޮތީ ވަރަށް ގަދައަށް ހުން އައިސްގެންނެވެ. ހަވީރު ދެމަފިރިން ގެއަށް އައުމުން އެވާހަކަ ބުނުމުން ވެސް ބުނީ އެކަން ކަލޭ ހަމަޖައްސާށެވެ. އަހަރެމެންނަކަށް ވަގުތެއް ނެތެވެ. އެހެންވެ ޑޮކްޓަރަށް ގުޅަންޖެހުނީވެސް އަހަރެންނަށެވެ.
ކުއްޖާ ބޮޑުވަމުން އައިސް އެއިރު އުމުރުން 8 އަހަރެވެ. ދެމަފިރިންގެ ކަމަކީ ގެއަށްވަދެއްޖެނަމަ ޒުވާބުކުރުމެވެ. އެހެންވެ އެމީހުން ގެއަށް ވަދެއްޖެނަމަ އަހަރެންނަށް އުޅެންޖެހެނީ ކުއްޖާ ގޮވައިގެން އަބަދުކޮޓަރީގައެވެ. އެއީ އެކިޔާ އެއްޗެތީގެ އަޑު ކުއްޖާއަށް އިއްވަން ބޭނުންނުވާތީއެވެ.
ޒުވާބުރަންފެށިތާ ކުޑަދުވަސްކޮޅެއްގެތެރޭގައި ދެމަފިރިން ވަރިވެއްޖެއެވެ. ފިރިމީހާ ގެއިން ނުކުމެގެންދަމުން ބުނީ ވިޔަފާރިއަކީ އޭނާގެ ވިޔަފާރިކަމަށާއި އަނބިމިހާއަށް އެންމެ ޑޮލަރެއްވެސް ނުދޭނެކަމަށެވެ. ޖަވާބުގައި އަނބިމިހާ ބުނީ ދަރިފުޅު ގެންގޮސްލާނީ ޔަތީމްޚާނާއަކަށް ކަމަށެވެ.
އެއަޑު އިވުމުން ވީދެރައިން މެޑަމްގާތު އާދޭސްކޮށްގެން ދަރިފުޅު ހޯދީމެވެ. ދަރިފުޅު ގޮވައިގެން އެގެއިން ނުކުމެގެންދިއައީމެވެ. އަތްމަތިދަތިނަމަވެސް ވީވަރަކުން ކުއްޖާގެ ކަންކަން ކޮށްދެމެވެ. ކިޔަވައިވެސް ދެމެވެ. އެހެން އުޅެނިކޮށް އެއްދުވަހު ކުއްޖާ ސުވާލުކޮށްފިއެވެ. "މިހާރު އެމަންމައެއް ނެތެއް ނޫންހެއްޔެވެ؟ އެހެންވީމާ ދައްތައަށް މަންމަ ކިޔޭނެ ނޫންހެއްޔެވެ؟ ކޮއްކޮ ބޭނުންވަނީ މަންމަކިޔާށެވެ!" ޖަވާބުގައި މިހާރު މަންމަ ކިޔޭނެ ކަމަށްބުނީމެވެ.
އެކުއްޖާ އަހަރެންނަށް މަންމަކިޔަން ފެށިތަނާ ދިމާވީ ވަރަށް އާދައާ ޚިލާފް ކަމެކެވެ. އަހަރެންނަކީ ފަޤީރުކަމުން ކައިވެނިކުރުމާއިމެދު ވިސްނިވެސް އަންހެނެއް ނޫނެވެ. ކުއްޖާ ގޮވައިގެން ޕާކަކަށް ގޮސްއުޅުނު ދުވަހަކު ބައްދަލުވިމީހަކަށް ކުއްޖާ ފެނިގެން އަހަރެންގެ ދަރިއެއްތޯ ސުވާލުކޮށްފިއެވެ. ކުއްޖާއަށް ސިއްރުން ޙަޤީޤަތް ކިޔައިދިނުމުން އޭނާ ބުނީ އޭނާގެ އަނބިމީހާއަކީ ދަރިން ނުލިބޭ އަންހެނެއް ކަމަށާއި މިހާރު ނިޔާވެފައިވާ ކަމަށެވެ. އަދި ކުއްޖާ ފެނުމުން ހިތުގައި ވަރަށް ބޮޑަށް ލޯބި އުފެދިއްޖެ ކަމަށެވެ. އެހެންވެ ދެމީހުން ކައިވެނިކޮށްގެން ކުއްޖާ ބޮޑުކުރަން ބޭނުން ކަމަށެވެ.
އެއްވެސް މީހަކަށް ރަޙްމަތެއް ލައްވަވާނީ ކޮންވަގުތަކު ކޮން ގޮތަކުންކަން ނުއެނގޭނެކަމަށް ބުނާ ބުނުމަށް ވިސްނާލާފައި ދެއްވެވި ފުރުޞަތުގެ ބޭނުން ހިފީމެވެ. އޭނާ އާއި ކައިވެނިކުރީމެވެ.
ފިރިމީހާވީ ފުދޭވަރެއްގެ ތަނަވަސްކަންވެސް ހުރި މީހަކަށެވެ. ދެމައިން ގެންދިއައީ އޭނާގެ ގެއަށެވެ. އޭނާ އެކުއްޖާއަށް ވަރަށް ހެޔޮކޮށް ކަންތައް ކުރިއެވެ. އަމިއްލަ ދަރިއަކު ފަދައިން ބަލަހައްޓައި އެހީތެރިވިއެވެ. ދެމަފިރިންނަށް ކުދިން ލިބެންފެށީ ކުއްޖާއަށް 10 އަހަރުވީފަހުންނެވެ. ފުލުފުލުގައި 4 ދަރިން ލިބުނެވެ.
ކުއްޖާ ކިޔަވައި ނިމުމުން ފިރިމީހާ ބޭނުންވީ އޭނާކުރާ މަސައްކަތުގައި ބައިވެރިކުރާށެވެ. އެހެންވެ ފިރިމީހާގެ އޮފީހަށް ގެންގޮސް މަސައްކަތްދަސްކޮށްދީ ދަސްވާވަރަކުން ކަންކަން ޙަވާލުކުރަމުން ގެންދިއައެވެ.
ކުއްޖާގެ އުމުރުން 26 އަހަރުގައި ފިރިމީހާގެ މަސައްކަތް ހިންގަން އިސްކޮށްހުރީ އޭނާއެވެ. ފިރިމީހާ ހަމައެކަނި ކަންކަން ބަލަހައްޓައިލަނީއެވެ. ވަރަށް އުފަލުގައި އަހަރެމެން އުޅެމުން ދަނިކޮށް ކުއްޖާގެ މަންމަ އާއި ބައްޕަ އަހަރެމެން އުޅޭތަން ހޯދައިގެން އަތުވެއްޖެއެވެ.
ކުއްޖާގެ ބައްޕަގެ ވިޔަފާރި ބަނގުރޫޓުވެ އޭނާހުރީ
ވަރަށް ނިކަމެތިޙާލުގައެވެ. މަންމަ ބަލިކަށިވެ ނިކަމެތިވެފައެވެ. ބުނީ މިއައީ އަނބުރާ ދަރިފުޅު ބޭނުންވެގެން ކަމަށެވެ. ދަރިފުޅުގެ އެހީތެރިކަމަށް ދެމީހުންވެސް ބޭނުންވާތީކަމަށެވެ. އެހެން ބުނާއިރަށް "އަހަރެން ވަރަށް ބިޒީ. މީހުން ދައްކާ މޮޔަވާހަކަ އަޑުއަހާނެ ވަގުތެއް ނެތް." ކަމަށް ބުނެފައި ގެއިން ނުކުމެ ކާރަށް އަރައިގެން ކުއްޖާ ދިއައީއެވެ. ކާރު ސްޓާޓް ކުރަމުން ބުންޏެވެ. "ތިއަ ދެމީހުން ދެން މިގެއަށް ނުވައްދާތި!"
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އެދެމަފިރިން އެމީހުންގެ ދަރިފުޅާއިމެދު ކަންތައްތައް އެކުރީ ހަމަ އަޅުގަނޑުގެ މައިންބަފައިންވެސް އަޅުގަނޑާއިމެދު ކަންތައްކުރި ގޮތަށެވެ. ސްކޫލަށް އަލުގަނޑު ފޮނުވިއެވެ. ބެލެނިވެރިންގެ ބައްދަލުވުމަކަށް ދެމީހުންކުރެމީހަކު ދުވަހަކުވެސް ނުދެއެވެ. ބަދަލުގައި ހޮނުވަނީ ގެންގުޅޭ މީހާއެވެ. ބަލިވީމާ ޑޮކްޓަރަށް ގެންދަން ޖެހެނީވެސް ހަމަ ގެންގުޅޭ މީހާއަށެވެ. އެކަމަކު އަޅުގަނޑުބޮޑުވުމުން އަބަދުތިބެނީ އެމީހުންނަށް އަޅާނުލައިގެން ޝަކުވާކުރުމުގައެވެ.
އަޅުގަނޑު އެމީހުން އެއްލައެއް ނުލަމެވެ. ދެވެން އޮވެމެ ވަކިވެގެންވެސް ނުދަމެވެ. ނަމަވެސް އެމީހުން އެބުނާ ލޯތްބާއި އަޅައިލުމެއް އެވަރަކަށް ނުދެވެއެވެ.
އެހެންވެ އަޅުގަނޑު ބޭނުންވީ މިމައްސަލަ މިއަދުނޫސް މެދުވެރިކޮށް ދަރިންނާއި އަޅައިނުލާ، ދަރިންގެ ކަންކަމަށް ވަގުތުނުދޭމައިންބަފައިންގެ ސަމާލުކަމަށް ގެންނާށެވެ! މިފަދަ ކަންކަން އިޞްލާޙްކުރުމުގެ މުހިންމުކަން ފާހަގަކުރުމުގެ ގޮތުންނެވެ.
- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް