އެޗްއައިވީއާ އެހެންވެސް ނުބައިބަލިތައް ހިފައިގެންގޮސް ބައިވެރިޔާއަށްދޭން ބިރުނުގަންނަނީ ލިބިފަ ތިބި ދަރިން ދެކެވެސް ލޯބިނުވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
އެޗްއައިވީއާ އެހެންވެސް ނުބައިބަލިތައް ހިފައިގެންގޮސް ބައިވެރިޔާއަށްދޭން ބިރުނުގަންނަނީ ލިބިފަ ތިބި ދަރިން ދެކެވެސް ލޯބިނުވާތީ!

ދެމަފިރިންކުރެ ކޮންމެ މީހަކުނަމަވެސް ޒިނޭކުރުމާއި ފާޙިޝް އަމަލުތައް ކުރުމަކީ ބޮޑުފާފައެއްގެ އިތުރަށް ފުރާނައަށް އޮތް ވަރަށް ބޮޑުނުރައްކަލެކެވެ. އެޗްއައިވީޢާއި އެހެނިހެންވެސް ނުރައްކާތެރި ބަލިތައް ގިނަވަމުން އަންނާތީއެވެ. ބަލި ހިފައިގެން ގޮސް ބައިވެރިޔާއަށް ދެވޭތީއެވެ.  

ބައިވެރިޔާ ޒިނޭކޮށް ފާޙިޝް ޢަމަލުތައް ކުރާތީ ކަންބޮޑުވެ ސުވާލުކުރައްވާ ކިޔުންތެރިންނަށް ބުނެލަން އޮތީ އެއީ ކުރެވޭ ފާފައެއްގެ އިތުރުން ދެމަފިރިންކުރެ ކޮންމެ މީހަކު  ނަމަވެސް އެކަން ކުރުމުން ބޮޑެތި އެހެން މައްސަލަތައްވެސް ކުރިމަތިވުން ގާތްކަމެއްކަން ބައިވެރިޔާއަށް  ވިސްނައިދޭށެވެ. ތިރީގައި އެވަނީ ވަރަށް ޢިބްރަތްތެރި ހާދިސާއެއްގެ ވާހަކައެވެ. ނަޞޭޙަތަކީ ކޮންމެ ދެމަފިރިއަކުވެސް ޢިބްރަތް ޙާޞިލްކުރުމެވެ.  

އަނބިމީހާ ހޮސްޕިޓަލުން އައިއިރު އޭނާގެ ދައްތައާއި ފިރިމީހާ އުޅެނީ އޭނާގެ ކޮޓަރީގައެވެ. އޭނާ ގެއަށް އައިކަން އެނގުމުން އެނދުދަށަށް ވަދެ ދައްތަފިލީއެވެ. އެކަން އެނގިހުރެމެ ނުއެނގޭކަމަށް ހެދިގެން ހުރެ އަނބިމީހާ ބުންޏެވެ. "މިއަދަކީ އަހަރެމެންގެ އެންމެ އުފާވެރި ދުވަހެވެ. އަހަރެން އިނީ ބަލިވެއެވެ. ޓެސްޓްތަކުގެ ނަތީޖާ މިއޮތީއެވެ."

އެކަމަށް އުފާކުރާކަމަށް ބުނަމުން އަނބިމީހާގެ ގައިގައި ބައްދާލަން އުޅުމުން އަނބިމީހާ ބުންޏެވެ. "މިއަދަކީ އަހަރެމެންގެ އެންމެ ހިތާމަވެރިވެސް ދުވަހެވެ. އަހަރެންގެ ގައިގައި އަތްނުލާށެވެ! ކަލޭ ހުރިހާލަތު ބަލަން ޓެސްޓްކުރާށެވެ. ކަލެއާއި އަހަރެންގެ ދައްތައާއި ގުޅުންހިންގާކަން އެނގުމުން އަހަރެން ހޮސްޕިޓަލަށް ދިއައީ އެޗްއައިވީއަށް ޓެސްޓްކުރާށެވެ. ބަލިވެއިންކަންވެސް އެނގުނީ އެކަމަށް ޓެސްޓްކުރުމުގެ ތެރޭގައެވެ. ނަޞީބަކުން އަހަރެންވެސް ދަރިފުޅުވެސް އަދި މިތިބީ ސަލާމަތުންނެވެ. ދައތަ އެޗްއައިވީއަށް ޕޮޒިޓިވްވިތާ މިއީ 2 ވަނަ އަހަރެވެ. ތިއަކުރާ ކަންކަން ކުރިއަށް ގެންދާށެވެ. އަހަރެމެން ދެމައިންގެ ސަލާމަތަށްޓަކައި މިގެއިން އަހަރެން މިދަނީއެވެ."  

އަނބިމީހާ ގެއިން ނުކުމެގެން ދިއުމުން ދައްތައާއި ފިރިމީހާ ފެށީ ތަޅާފޮޅާށެވެ! ފިރިމީހާ ރުޅިއައީ އެޗްއައިވީއަށް ޕޮޒިޓިވްވެގެންހުރެ އޭނާ ޢާއި ގުޅުން ހިންގީތީއެވެ. ދައްތަ ބުނީ އޭނާ ކުރިކަމެއް ކުރީ އާދޭސްކުރުމުން ކަމަށެވެ. އަމިއްލައަށް އިސްނަގައިގެން ނޫން ކަމަށެވެ. ފިރިމީހާ ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރިއިރު އޭނާ ވަނީ އެޗްއައިވީއަށް ޕޮޒިޓިވްވެފައެވެ.

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިވާހަކަ ގެންނަން ބޭނުންވީ ރާއްޖޭގައިވެސް އެއްޗެއައިވީ ކޭސްތައް ފެތުރެމުންދާ ވާހަކަ ޚަބަރުތަކުން ފެންނާތީއެވެ. ބަލައި ނުލާ އުޅެވޭނަމަ މިފަދަ ދެރަ ގޮތެއް ހަމަ ކުރިމަތިވެދާނެތީއެވެ. ހަމައެކަނި އަންހެނުންނެއް ނޫނެވެ. ހަމައެކަނި ފިރިހެނުންނެއްވެސް ނޫނެވެ. ދެބައިމީހުންވެސް މިކަމަށް ސަމާލުކަން ނުދީފިނަމަ ކޮންމެ މީހަކަށްވެސް ދެރަގޮތެއް މެދުވެރިވެދާނެއެވެ.  

އަހަރެމެންނަކީ މުސްލިމުންނެވެ. ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގުމަކީ ޙަރާމްކަމެކެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ސަލާމަތްކަން ލިބުން އޮތީ ﷲ ތަޢާލާ އަންގަވާފައި ގޮތަށް އުޅެގެންނެވެ.  

ވިސްނައިލާށެވެ! އެއީ އެތައް ބައަކާ ގުޅުންހިންގާ މީހަކުކަން އެނގިހުރެވެސް އެކަން ކުރަނީއެވެ. ތިމާގެ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓައިލަނީއެވެ. ތިބާގެ އިތުރުން ބައިވެރިޔާވެސްމެއެވެ. މިއީ މިއަދު ޢާންމުވެފައިވާ ވަބާއެއް ނޫންކަމަށް ހެދިދާނެތޯއެވެ؟ އެޗްއައިވީއާ އެހެންވެސް ނުބައިބަލިތައް ހިފައިގެންގޮސް ބައިވެރިޔާއަށްދޭން ބިރުނުގަންނަނީ ލިބިފަ ތިބި ދަރިން ދެކެވެސް ލޯބިނުވާތީއެވެ.   

ބައަކަށް އަޅުގަނޑުގެ ވާހަކަކޮޅުގައި ބުރަދަނެއް ނެތިދާނެއެވެ. ނަމަވެސް ވިސްނައިފިކުރުކުރާ މީހުންނަށް މިއީ ބުރަދަންހުރި ވާހަކަކޮޅަކަށްވާނެ ކަމަށް ޔަޤީންކުރަމެވެ.

 

- ޝަމްސިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން