ނަމާދަށް ދޭންޖެހޭ ސަމާލުކަންނުދީ ޚުޝޫޢަތްތެރިވާން މަސައްކަތް ނުކުރުމަކީ ފާފައެއް ކުރުމަށްވުރެ މާބޮޑުކަމެއް! ބިރުވެތިވެ މިމަގުން ޢަމަލުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
ނަމާދަށް ދޭންޖެހޭ ސަމާލުކަންނުދީ ޚުޝޫޢަތްތެރިވާން މަސައްކަތް ނުކުރުމަކީ ފާފައެއް ކުރުމަށްވުރެ މާބޮޑުކަމެއް! ބިރުވެތިވެ މިމަގުން ޢަމަލުކުރޭ!

ބައެއް ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި ނަމާދަށް ހުންނައިރު ޝައިޠޯނާ ކުރާ އުނދަގޫތަކުގެ ސަބަބުން ނަމާދު ހަލާކުވެގެންދިއުމަކީ ފާފައެއް ކުރެވުމަށްވުރެވެސް ގެއްލުން ބޮޑު ކަމެކެވެ. އެހެނީ މީހަކަށް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމުން އެކަން އެނިމުނީއެވެ. ﷲ ތަޢާލާ އެމީހެއްގެ ފާފަ ފުއްސަވައިދެއްވަވާނެތެވެ. އިން ޝަ ﷲ  

އެހެނަސް އެމިހަކު ކުރި ނަމާދުތަކުގައި އެއްވެސް ބުރަދަނެއް ނެތިގެން ﷲ ތަޢާލާ އެނަމާދުތައް ޤަބޫލުފުޅު ނުކުރައްވަވައިފިނަމަ އެމީހަކާއިމެދު ދެންވާނެގޮތްކަމަށް އެނގެންހުރި ކަންކަމުން ލިބޭނެ ގެއްލުން މާބޮޑެވެ. ވީމާ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރަން މަސައްކަްތކުރުމުގެ މުހިންމުކަން މާބޮޑެވެ.

ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެގެން ހުރެ ނަމާދުކުރުމަށްޓަކައި ތިރީގައިވާ ލިޔުމަކީ ކޮންމެހެން އެނގެންޖެހޭނެ ކަންކަންކަމުގައި ފެނެއެވެ.  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

އިންސާނާގެ އެންމެ ބޮޑު އަދުއްވަކީ ޝައިޠާނާ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެހެނީ އިންސާނުން މަގުފުރެއްދުމަށް އޭނާއަށް ކުރެވުނުކޮންމެކަމެއް ކުރުމަށް އޭނާވަނީ ވަޢުދުވެފައެވެ. ލައުނަތްލެއްވިގެންވާ ޝައިޠާނާގެ ނުބައި ވާސްވާސްތަކުން ސަލާމަތްވުމަށްޓަކައި ގިނަގިނައިން ﷲ ޛިކުރުކުރަންޖެހެއެވެ. ﷲ އެންގެވި މަގުގައި ފައިތިލަ ޘާބިތުކޮށް، އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވާ މީހަކަށް ޝައިޠާނާގެ ކިބައިން ސަލާމަތްވެވޭނޭ މަގު ވަރަށް ސާފުކޮށް ބަޔާންވެގެންވެއެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. 

﴿ يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ ﴾ (سورة البقرة ٢٠٨)

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން އެކުއެކީގައި އިސްލާމްދީނަށް ވަންނާށެވެ. އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާނުވާށެވެ. ހަމަކަށަވަރުން އޭނައަކީ ތިޔަބައިމީހުންނަށްޓަކައި ބަޔާންވެގެންވާ ޢަދުއްވެކެވެ." 

"…ނަމާދުގައިވެސް ޝައިޠާނާއަށް ވަސްވާހުގެ ދޮރުވަނީ ހުޅުވާލެވިފައެވެ. ނަމާދުކޮށް ނިމުނުއިރު އޭނާއަށް ނަމާދުގައި ކިޔުނު އެއްޗެއް ނޭނގި ހިނގައިދާނެއެވެ. އެހެންނަމަވެސް ނަބިއްޔާ صلى الله عليه وسلم ވަނީ މިކަމުގެ ފަރުވާ އަޅުގަނޑުމެންނަށް އަންގަވާ ދެއްވާފައެވެ. "أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيم” މާނައީ: "ލައުނަތްލެއްވިގެންވާ ޝައިޠާނާގެ ކިބައިން މިއަޅާ ރައްކާތެރިކޮށް ދެއްވުން އެދި ﷲ ޙަޟްރަތުގައި ދަންނަވަމެވެ."  މިފަދައިން ކިޔައި އޭނާގެ ވައަތް ފަރާތަށް ތިންފަހަރު ފުމެލާނީއެވެ. 

މިފަދައިން މީހަކު ޢަމަލުކޮށްފިނަމަ، ﷲ ތަޢާލާގެ އިރާދަފުޅާއެކު، އޭނާއަށް ކުރިމަތިވީ ކަންތައް ހައްލުވާނެއެވެ. މީހަކު ނަމާދަށް ފަށާއިރު އޭނާ ކޮޅަށް އެހެރީ ﷲ ތަޢާލާއާ ކުރިމަތިލައިގެންކަމަށް  އީމާން ވާންޖެހޭނެއެވެ. އޭނާ އެމުނާޖާދަންނަވަނީ ﷲ ތަޢާލާއާއިއެވެ. "اللهُ أَكْبَرُ" ކިޔުމާއި ﷲ ތަޢާލާއަށް ޙަމްދުޘަނާކިޔުމާއި އެއަށްފަހު ﷲ ތަޢާލާގެ ކަލާމްފުޅު ކިޔެވުމުން އަދި ނަމާދުގައި ދުޢާކުރެވޭ ހިސާބުތަކުގައި ދުޢާކުރުމުގެ ޒަރީއާއިން އޭނާއަށް އެކަލާނގެއާއި ކުށްތަންވޭނެއެވެ. މި އިޙްސާސް މީހެއްގެ ކިބައިގައިވާނަމަ އޭނާ ﷲ ތަޢާލާއާއި ކުރިމަތިލާނީ ޙުޝޫއަތްތެރިކަމާއި ކިޔަމަންތެރިކަމާއެކުއެވެ. އެކަލާނގެ ޙަޟްރަތުންވާ ހެޔޮކަންތައްތަކަށް އޭނާ ލޯބި ކުރާނެއެވެ. އަދި ﷲ ތަޢާލާ އޭނާގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމެއް އޭނާ ދޫކޮށްލައިފިނަމަ، އެކަލާނގެ ޙަޟްރަތުންވާ ޢަޛާބަށް އޭނާ ބިރުވެތިވާނެއެވެ."

ދުޢާއަކީ ﷲ ތަޢާލާ އެންމެހާ މުސްލިމުންނަށް ހެޔޮ ރަޙްމަތްލައްވާ ފާފަފުއްސަވައި ޝައިޠާނާގެ އެންމެހާ އުނދަގޫތަކުން ރައްކާތެރިކޮށްދެއްވުމެވެ.

 

--އަލް އުޚްތު އުންމު ޢަބްދިﷲ

މިއަދު އޮންލައިން