ސަރުކާރުގެ ދަރަނި ދައްކަން ކަސްޓަމަރުންގެ ޑޮލަރު ބޭނުންކުރި ކަމަށް ކުރާ ތުހުމަތުތައް ބީއެމްއެލް އިން ދޮގުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ސަރުކާރުގެ ދަރަނި ދައްކަން ކަސްޓަމަރުންގެ ޑޮލަރު ބޭނުންކުރި ކަމަށް ކުރާ ތުހުމަތުތައް ބީއެމްއެލް އިން ދޮގުކޮށްފި

ސަރުކާރުގެ ދަރަނި ދައްކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި ކަސްޓަމަރުންގެ ޑޮލަރު ދޫކޮށްފައި ނުވާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި ސުކޫކާއި، ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ރާއްޖޭން ދައްކަންޖެހޭ 974 މިލިޔަން ޑޮލަރު ވަނީ ދައްކާ ޚަލާސްކޮށްފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދަނީ ސަރުކާރުން މި ފައިސާ ދައްކާފައިވަނީ ބީއެމްއެލްގައި ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާ ބޭނުންކޮށްގެން ކަމަށެވެ.

މި ތުހުމަތުތަކަށް ރައްދުދެއްވަމުން މުޙައްމަދު ޝަރީފް ވިދާޅުވީ އެއީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށާއި، ބޭންކުގައި ހުރި ކަސްޓަމަރުންގެ ޑިޕޮސިޓް ރައްކާތެރިކުރުމަކީ ބޭންކުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. ބޭންކުގެ ޑިޕޮސިޓްގެ ގާތްގަނޑަކަށް 70 އިންސައްތައާ ގާތްކުރާ އަދަދަކަށް ހުރީ ލޯނު ދޫކޮށްފައި ކަމަށާއި، ސަރުކާރަށް ލޯނު ދޫކުރުމަށް ބޭންކުން އެއްވެސް ވަރަކަށް ޑޮލަރު ދޫކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

"އަޅުގަނޑު ޔަޤީންކަން ދޭން ބޭނުން އަޅުގަނޑުމެންގެ ބޭންކް ހިންގަމުން މިދަނީ ބޭންކިން އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަސްޓަމަރުންގެ ޑިޕޮސިޓް ރައްކާތެރިކޮށްގެން. ޑިޕޮސިޓް އަޅުގަނޑުމެން މިކުރާ ކަމަކީ އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރުން،" ސީއީއޯ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ބޭންކުގެ ޑޮލަރު ލޯނު އެންމެ ބޮޑަށް ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކަމަށެވެ. އެގޮތުން ޓޫރިޒަމް ސެކްޓަރަށް ގާތްގަނޑަކަށް 600 މިލިޔަން ޑޮލަރާ ގާތްކުރާ އަދަދަކަށް ލޯނު ދޫކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައިވެސް އަލަށް 35 މިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށާއި، ބޭންކުން އަދިވެސް ދަނީ ޓޫރިޒަމް ސެކްޓަރަށް އިންވެސްޓް ކުރަމުން ކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

މިއަދު އޮންލައިން