ކޮމިޝަނަރ އޮފް ޕޮލިސް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކޮމިޝަނަރ އޮފް ޕޮލިސް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

ދިވެހިރާއްޖެއާއި މިސްރާ ދެމެދު ސަލާމަތީ ގޮތުން އޮންނަ ގުޅުން ހަރުދަނާކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ދެގައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށްޓަކައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިސްރަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

ކޮލަމްބޯގައި ހުންނަ މިސްރުގެ އެމްބަސީން އިންތިޒާމުކޮށްގެން 2026 މޭ 17 އިން 21 އަށް ކުރިއަށްގެންދާ މި ދަތުރުފުޅުގައި، ދެ ގައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި، މިސްރުގެ ނޭޝަނަލް ސެކިއުރިޓީ ސެކްޓަރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރިހެބިލިޓޭޝަން އެންޑް ކަރެކްޝަނަލް ފެސިލިޓީތަކަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންތެރި ދާއިރާތަކުން ތަމްރީނުދޭ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ސަބަބުން މިސްރުގެ އިންޓީރިއާ މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ސަލާމަތީ ކަންކަމާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެއެވެ.

މިއަދު އޮންލައިން