މިއަހަރުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރި ބޭންކުތަކުން ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. އެމްއެމްއޭއިން ނެރުނު އޭޕްރީލް މަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުގައި، އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ އެކި ސިނާއަތްތަކަށް ދޫކުރި ލޯނުގެ މިންވަރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވިޔަފާރި ބޭންކުތަކުން ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްފައިވާ ކްރެޑިޓް ނުވަތަ ލޯނު އިތުރުވި މިންވަރު މިއަހަރުގެ ފެބުރުވަރީ މަހު ހުރީ 13 އިންސައްތަގައެވެ. ނަމަވެސް މާރޗް މަހު މި އަދަދު ވަނީ 14 އިންސައްތައަށް އުފުލިފައެވެ.
މި ރިޕޯޓުން ދައްކާގޮތުގައި އިޤުތިޞާދުގެ މައިގަނޑު ދާއިރާތައް ކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، ވިޔަފާރި އަދި ރިއަލް އެސްޓޭޓް ދާއިރާގެ އިތުރުން އަމިއްލަ ބޭނުންތަކަށް ދޫކުރާ ލޯނުތައްވެސް މިއަހަރުގެ މާރިޗު މަހު ވަނީ އިތުރުވެފައެވެ. މިއީ އަމިއްލަ ވިޔަފާރިތަކާއި މަޝްރޫޢުތަކަށް ބޭންކުތަކުން ދޭ އެހީތެރިކަން އިތުރުވަމުންދާކަމުގެ ނިޝާނެކެވެ.
މި މުއްދަތުގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ މިންވަރުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ކްރެޑިޓް މާރޗް މަހު 12 އިންސައްތަ އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ބޭންކުތަކުން ދޫކުރި ޖުމްލަ ކްރެޑިޓްގެ އެންމެ ބޮޑު ހިއްސާއެއްވެސް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގެ ތެރޭގައި ދޫކޮށްފައިވާ ޖުމްލަ ލޯނުގެ 34 އިންސައްތައަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯނުތަކެވެ.