ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމާލައިފި

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ. ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ރާއްޖޭގެ 112 ރަށަކުން 350 ބައިވެރިންނާއެކު ފެށި މި ބެޗުން ތަމްރީނުތައް ފުރިހަމަކޮށްފައިވަނީ 344 ދަރިވަރުންނެވެ. ރަސްމިއްޔާތުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންނަށް އަޒުމް ލައިދިނުމާއި ޝަރަފުގެ ހިނގާލުމެއް ވަނީ ބާއްވާފައެވެ.

މި ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް އެކި ދާއިރާތަކުން ސެޓްފިކެޓްތައް ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމުގެ ސެޓްފިކެޓްތައް ހިމެނެއެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބުރުގައި ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެހެން ދަރިވަރުންނަށް އެ ކުދިން ޝައުޤުވެރިވާ ދާއިރާތަކުން ވަޒީފާ ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށާއި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މުހިންމު މަޝްރޫޢެކެވެ. މި ޕްރޮގްރާމު ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން