ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށް އެ ފުރުޞަތު ލިބޭނެކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ޕްރޮގްރާމު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ މި ޕްރޮގްރާމު އިޢުލާންކުރެއްވިއިރު، ދަރިވަރުން ތަރުބިއްޔަތުކޮށް ވަޒީފާ އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ފުރަތަމަ ބެޗުގެ ދަރިވަރުން އެ މަގުން ކުރިއަށްދާ ދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅުގެ އިޚްލާސްތެރިކަން ހާމަވާ ކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށްވެސް އެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ތަމްރީނު ތާވަލުގައިވާ ގޮތުގެ މަތިން، 350 ދަރިވަރުން ހިމެނޭ އިތުރު ދެ ބެޗެއް މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނާ މުޚާތަބުކުރައްވައި ވަޒީރު ވިދާޅުވީ، ބެލެނިވެރިންގެ އުއްމީދުތަކުގެ މަތީގައި ދެމިތިބުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި މުޖްތަމަޢުގެ ތެރޭގައި އެންމެންގެ ދިރިއުޅުމުގެ ހާލަތު އެއްގޮތް ނުވި ނަމަވެސް، އެންމެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ޒުވާނުންނަށް އުޖާލާ މުސްތަޤުބަލަކަށް އެދިވަޑައިގަންނަވަމުންނެވެ. "މުޖްތަމަޢުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަމަށް އިޖާބަ ނުދިނުން މުހިންމު. ލިބުނު ތަމްރީނުތަކުގެ ބޭނުން ހިފަން ވާނެ. އަޅުގަނޑު އެދެނީ ހުރިހާ ޒުވާނުންނަށް އުޖާލާ މުސްތަޤުބަލެއް،" ދިފާޢީ ވަޒީރު ޙަސަން ރަޝީދު ވިދާޅުވިއެވެ.