މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި ޝަމްހޫޒާ އަޙްމަދު އެ މަޤާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، ޝަމްހޫޒާ އަޙްމަދު މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުންނާއި ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައިވާ ކަމަށެވެ.
ޝަމްހޫޒާ މަޤާމުން ވަކިކޮށްފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެކި ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން އަންނަނީ ބަދަލުތައް ގެންނަވަމުންނެވެ. މި ބަދަލުތަކަކީ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ނަތީޖާ ނެރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވޭ ބަދަލުތަކެއް ކަމަށް ބެލެވެއެވެ.
އެމްޑަބްލިޔުއެސްސީގެ އިސް މަޤާމުތަކަށް މީގެ ކުރިންވެސް ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން، މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުލްމަތީން މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް މިހާރު ވަނީ ޙުސެއިން ފަޙުމީ އައްޔަން ކުރައްވާފައެވެ.