އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް 30 ސްކޮލަޝިޕް ފުރުސަތު ޒަކާތު ހައުސްއިން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް 30 ސްކޮލަޝިޕް ފުރުސަތު ޒަކާތު ހައުސްއިން ހުޅުވާލައިފި

ރާއްޖެއާއި ރާއްޖޭން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހުޅުވާލައިފިއެވެ. ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ހައުސް ވުޖޫދަށް އައިސް މި ސްކޮލަޝިޕްތައް އަލުން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި މި ފުރުޞަތުގެ ދަށުން ޖުމުލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތު އަދި ރާއްޖޭއިން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތު ހިމެނެއެވެ. މި ސްކޮލަރޝިޕްތަކަކީ މާސްޓަރސް ލެވެލް 9 އަދި ޕީއެޗްޑީ ލެވެލް 10 އަށް ކިޔެވުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.

މި ފަހަރުގެ ސްކޮލަރޝިޕްތަކުގެ ތެރޭގައި ބައެއް ޚާއްޞަ ސްކީމްތައްވެސް ވަނީ ހިމަނާފައެވެ. އެގޮތުން ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް 5 ފުރުޞަތެއް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނު ކުރުމަށް ޚާއްޞަ 5 ސްކޮލަރޝިޕެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ.

ކިޔެވުމަށް ހުޅުވާލާފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރްއާނާ ބެހޭ ޢިލްމު، އިސްލާމީ ތަޢުލީމު، އިސްލާމީ ދިރާސާއާއި ޝާއިޢުކުރުން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ އަދި ފިޤުހު، އުޞޫލުލް ފިޤުހު އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ހިމެނެއެވެ.

މި ސްކޮލަޝިޕްތަކާ ގުޅޭގޮތުން މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ އިސްލާމީ ދާއިރާތަކުން ތައުލީމު ހާސިލް ކުރުމަށްފަހު ޤައުމަށް ޚިދުމަތް ކުރާނެ ރަނގަޅު ޖީލެއް ބިނާކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިދާއިރާތަކުން ދަރިވަރުން ތައުލީމު ހާސިލުކުރުމަށްފަހު ދިވެހިރާއްޖެއަށް، ރާއްޖޭގެ ހާލަތަށް، ދިވެހިރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅުވެ އިޤްތިސާދީ ގޮތުން އަދި އިޖުތިމާއީ ގޮތުން ދިވެހިރާއްޖެއަށް އަދި ރާއްޖޭގެ އިސްލާމީ މުޖުތަމަޢުއަށް ޚިދުމަތް ކުރާނެ ރަނގަޅު ދަރިންތަކެއް ބިނާކުރުން"، ޝައިޚް އިމްތިޠާއު ވިދާޅުވިއެވެ.

ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ޤައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖް ފަދަ މުއައްސަސާތަކުން ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ. ރާއްޖޭން ބޭރުގައި ކިޔެވުމަށް ހަމަޖެހިފައިވަނީ މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީ، މެލޭޝިޔާގެ އައިއައިޔޫއެމް އަދި އިންސިފް، ބުރުނާއީ ދާރުއްސަލާމް ޔުނިވަރސިޓީގެ އިތުރުން ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ. މި ފުރުޞަތުތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ.

މިއަދު އޮންލައިން