ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް: ނައިބުރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް: ނައިބުރައީސް

ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށާއި، އެއީ އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮށްދެވޭނެ އެންމެ މުހިންމު އެއް ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަކީ މުޖުތަމައުގެ އެންމެންގެ ސަލާމަތަށްޓަކައި ކޮންމެ މީހަކުވެސް އުފުލަންޖެހޭ ޒިންމާއެކެވެ.

މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް އިޝާރާތް ކުރައްވަމުން ނައިބުރައީސް ވިދާޅުވީ، "ފަރުވާކުޑަކަމާއި ނުރައްކާތެރިކޮށް ދުއްވުމަކީ، ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއް" ކަމަށެވެ. އެހެންކަމުން، އުޅަނދުފަހަރު ދުއްވުމުގައާއި މަގުމަތީގައި އުޅުމުގައި ނުރައްކާތެރި އަމަލުތަކުން ދުރުހެލިވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން، މަގުމަތި ބޭނުންކުރާ އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރު ކަމާއެކު، މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރުމަށް ހުރިހާ ރައްޔިތުންނަށް ނައިބުރައީސް ވަނީ ގޮވާލައްވާފައެވެ. މަގުމަތީގެ ހާދިސާތައް މަދުކުރުމަށްޓަކައި ޤަވާއިދުތަކަށް ބޯލެނބުމުގެ މުހިންމުކަން އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ބާރުއަޅުއްވާފައެވެ.

މިއަދު އޮންލައިން