ކުރިއަށް އޮތް އަޟްޙާ އީދު ބަންދާ ދިމާކޮށް ބޭންކުތައް ހުޅުވާފައި ހުންނާނީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރައްވައިފިއެވެ.
މިއަހަރުގެ އަޟްޙާ އީދުގެ މުނާސަބަތުގައި މިމަހުގެ 24 އިން 30 އަށް ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާތީ، އެ މުއްދަތުގެ ތެރޭގައި ބޭންކިންގް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިމަހުގެ 28 ވާ ބުރާސްފަތި ދުވަހު އެވެ. އެމްއެމްއޭއިން ވިދާޅުވި ގޮތުގައި އެ ދުވަހު ބޭންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ.
އެމްއެމްއޭއިން އިތުރަށް ވިދާޅުވީ، ބޭންކުތައް ހުޅުވާފައި ހުންނަ ދުވަހު އާންމުންނަށް ވަކި ލާރިއާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެންކަމުން، މި ހިނގާ ހަފުތާގެ ތެރޭގައި އަޟްޙާ އީދުގެ ބަންދުގައި ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ އަދަދަށް ވަކި ލާރިއާއި ނަގުދު ފައިސާ ހޯއްދެވުމަށް އެ އޮތޯރިޓީން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
ސަރުކާރުން ވަނީ އީދު ބަންދާ ގުޅިގެން ގިނަ ދުވަސްތަކެއް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައެވެ. މި މުއްދަތުގައި ބޭންކުތަކުގެ އޮންލައިން ޚިދުމަތްތަކާއި އޭޓީއެމްގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް ބެލެވެއެވެ.