ޢިބްރަތްތެރި ވާހަކަ: އަތުގަ ފައިސާ ނެތީމާ ބާކީކޮށްލި ލޯބިވެރިއަކަށް ތަނަވަސްކަން ލިބި އެމީހުންގެ ގެ ގަނެލައި އެމީހުން މަގުމަތިނުކުރަން އެގޭގަ ބޯހިޔާވަހިކަން ދިން ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ޢިބްރަތްތެރި ވާހަކަ: އަތުގަ ފައިސާ ނެތީމާ ބާކީކޮށްލި ލޯބިވެރިއަކަށް ތަނަވަސްކަން ލިބި އެމީހުންގެ ގެ ގަނެލައި އެމީހުން މަގުމަތިނުކުރަން އެގޭގަ ބޯހިޔާވަހިކަން ދިން ޙާދިސާއެއްގެ ވާހަކަ-

ތަނަވަސްކަން ހުރިނަމަ ނިކަމެތިންނާ ކައިވެނިކުރަން ބޭނުންނުވާ ކަމުގެ މައްސަލަތައް ވަރަށް ގިނައިން ކުރިމަތިވެއެވެ. އެގޮތަށް ވިސްނާނެ ބައަކު އަބަދުވެސް އުޅޭނެއެވެ. އެހެންކަމުން އެދެނީ ތިރީގައިވާ ޙާދިސާގެ ވާހަކަ ވިދާޅުވެލެއްވުމެވެ.  

އެންމެ ކުޑައިރުންސުރެ އަހަރެންގެ އެންމެ ބޮޑު އެއް އުންމީދަކީ ތަނަވަސް މީހަކަށްވެ ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހަކަށްވުމެވެ. އެހެންވެ ކިޔެވީ ވިޔަފާރިއެވެ. ވަޒީފާއެއް ހޯދީ ފިހާރައަކުންނެވެ. އެމްބީއޭ ޙާޞިލްކުރީ ވަޒީފާއަދާކުރަމުންނެވެ.  

ފިހާރައަށް އަންނަ ކަސްޓަމަރަކު އަޅުގަނޑާއި އަޅައިގަތެވެ. ގުޅުން އުފެއްދިއެވެ. ހަދިޔާވެސް ދެއެވެ. އެހެންވެ އޭނާއަކީ ތަނަވަސް އަންހެނެއްކަން އެނގުނެވެ. ހުކުރުވިލޭރެއަކު އޭނާ ރެސްޓޯރަންޓަކަށްދާންދިން ދައުވަތުގައި ގޮސްތިބެ އޭނާގެ ތަނަވަސްކަން އެނގިހުރެވެސް އަދި އަހަރެންގެ ފަޤީރުކަން ޤަބޫލުކުރާ ޙާލުގައި އެކަންވެސް ފާހަގަކުރަމުން ހުރި ބޮޑުތަފާތާއިއެކުގައިވެސް އަހަރެންނަށް އޭނާދެކެ ލޯބިވެވިއްޖެކަމަށާއި ކައިވެނިކުރަން ބޭނުންކަމަށް ބުނީމެވެ. އޭނާ ބުނީ ވިސްނާލާފައި ޖަވާބެއް ދޭނެ ކަމަށެވެ.  

އެއިގެ ދެދުވަސްފަހުން ބުނީ އަހަރެންނާއި ކައިވެނިކުރެވެން ނެތްކަމަށެވެ. އެހެންނަމަވެސް އޭނާއަށް އަހަރެން ކަމުދާ ކަމަށާއި "ބޯއިފްރެންޑެއް"ގެ ގޮތުގައި ގުޅުން ބާއްވަން ބޭނުން ކަމަށެވެ. ކައިވެނި ކުރެވެން ނެތީ އޭނާގެ ބައްޕަގެ ތަނަވަސްކަން ބޮޑުވެފައި އަޅުގަނޑު ފަޤީރުކަމުންކަން ވާހަކައިން އެނގުނެވެ.  

އެހެންވެ ޖަވާބުގައި އަޅުގަނޑުބުނީ އެގޮތް އަޅުގަނޑު ބޭނުންނުވާ ކަމަށާއި ހަމައެކަނި ދެކެފަރިތަކަން ބޭއްވިދާނެކަމަށެވެ. ތަންތަނަށްގޮސް ބައްދަލުކޮށްހަދަން ބޭނުންނުވާ ކަމަށެވެ. ނަތީޖާއަކަށްވީ ދެމީހުންގެ ގުޅުން ކެނޑިގެންދިއުމެވެ.  

އަޅުގަނޑު ގަދައަޅައި މަސައްކަތްކުރީ އަމިއްލަ ވިޔަފާރިއެއް ފެށުމަށެވެ. ކުރިންވެސް ބުނިފަދައިން ތަނަވަސް މީހަކަށްވެ ނިކަމެތިންނަށް އެހީތެރިވާ މީހަކަށްވެވޭތޯއެވެ. 

އަޅުގަނޑު މަސައްކަތްކުރި ފިހާރައަށް ބާޒާރުކުރަނީ އަޅުގަނޑެވެ. އެހެންވެ ބޮޑެތި ވިޔަފާރިވެރިންނާއި ވަރަށް ގާތް ގުޅުމެއް އޮވެއެވެ. މުސާރަ އެއްކުރަމުން ގޮސް ލާރިކޮޅެއް ޖަމާކުރެވުނީމާ އެކުވެރި ބައެއް ވިޔަފާރިވެރިންގެ އެހިއާއިއެކު ކުޑަ ފިހާރައެއް ހުޅުވީމެވެ.

އަޅުގަނޑުގެ މަސައްކަތުގައި ﷲ ބަރަކާތް ލެއްވެވިއެވެ. އިން ޝާ ﷲ. ވިޔަފާރި ކުރިއަރައި ތަނަވަސްކަން ލިބުނެވެ. ވިޔަފާރީގެ 12 ވަނަ އަހަރު ބޭންކް ލޯނު ނުދެއްކުނު މީހެއްގެ ގެ ބޭންކުން ނީލަންކިޔުމުން އެގެ ގަތީމެވެ. އެއީ ކާކުގެ ގެއެއްކަން އެނގިހުރެއެއް ނޫނެވެ. ގެއެއް ބޭނުންވެގެން ހުރުމުން ގަތީއެވެ.

ގެ ހުސްކޮށް އަޅުގަނޑާއި ޙަވާލުކުރަންޖެހޭ މުއްދަތު ހަމަވެ އިތުރުވެގެން ދިއުމުން ބޭންކުގެ މީހަކާއި ވަކީލަކާއިއެކު އެގެއަށް ދިއައިމެވެ. އެއީ އެމީހުންގެ ޙާލުބަލާނުލައި ގަދަކަމުން ގެ ހުސްނުކުރުވަންވެގެންނެވެ.  

ގެއިން ބައްދަލުވި އެކަކީ އެމީހަކު ދެކެ ފުރަތަމަ އަޅުގަނޑަށް ލޯބިވެވުނު އަންހެންމީހާއެވެ. އެގެވީ އޭނާގެ ބައްޕަގެ ގެއަށެވެ. ވިސްނާލާފައި ބުނީމެވެ. "ބަދަލުވެވޭނެ ތަނެއް ލިބެންދެން އެންމެން އެއް ފްލެޓަށް ބަދަލުވެލާށެވެ! ވަކީލާ ގެ ހަވާލުކުރާށެވެ!" އެމީހުން އެގޮތަށް ކަންތައްކުރިއެވެ.

އެއިރު އަޅުގަނޑު މަސައްކަތްކުރަމުން ދިއައީ އެއިރު އަޅުގަނޑު ގަނެގެން ދިރިއުޅޭގެ ތަޅާލާފައި އަލުން ހަދާށެވެ. އެހެންވެ އަޅުގަނޑުވެސް އަނބިދަރިން ގޮވައިގެން އެގެއަށް ބަދަލުވީމެވެ. އެގެއަށް ބަދަލުވިފަހުން ކޮންމެ ދުވަހަކުހެން އޭނާ އާއި ބައްދަލުވެއެވެ. ނަމަވެސް ކުރީގެ އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެމީހުން ރަށަށް ބަދަލުވީ 5 އަހަރުފަހުންނެވެ. އެމީހުންގެ އަތުގައި ފައިސާ ނެތުމުން ކުއްޔެއް ނުނަގަމެވެ. އެކަން ހެދީ ކުރި ޞަދަޤާތަކަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނާއި މިވާހަކަ ޙިއްޞާމިކުރީ އަޅުގަނޑަށް ﷲ ދެއްވެވި ތަނަވަސްކަމުގެ ވާހަކަދައްކާކަށް ނޫނެވެ. ބުނެލަން ބޭނުންވަނީ ތަނަވަސްކަމަކީ ﷲ ދެއްވަވާ އެއްޗެކެވެ. ތަނަވަސްކަން ދެއްވެވުމުން ލޯބިވުން ފަދަ ކަންކަމުގައި އަނެކާގެ ޖީބުގައި މިންއަޅައި ބުރަދަން ނުކިރާށެވެ. އެއްޖީބުން އަނެއް ޖީބަށް ކޮންމެ ވަގުތަކުވެސް ފައިސާތައް ބަދަލުކުރައްވަވައިފާނެއެވެ. އެކަމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ.

 

-- ޝާކިރު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން