ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސާފު ފައިދާ މިއަންނަ އަހަރުގެ ނިޔަލަށް 1 ބިލިޔަން ރުފިޔާއަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ. ޝިމާދު މިހެން ވިދާޅުވީ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިމާދު ވިދާޅުވީ، އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ ހިއްސާދާރުންގެ މަޝްވަރާގެ މަތިން އެކުލަވާލާފައިވާ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއްގެ ދަށުން ކަމަށެވެ. މި ޕްލޭންގެ މައިގަނޑު މަގުސަދަކީ 2030 ވަނަ އަހަރާ ހަމައަށް ކުންފުނީގެ ވިޔަފާރިއާއި އާމްދަނީ ފުޅާކުރުމެވެ. މި ޕްލޭން އެކުލަވާލުމުގައި ބޭސްލައިންއެއްގެ ގޮތުގައި ބަލާފައިވަނީ ނިމިދިޔަ އަހަރުގެ ނަތީޖާތަކެވެ.
ކުންފުނީގެ ކުރިމަގަށް ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި އެސްޓީއޯއިން އެތެރެކުރާ މުދަލުގެ އެވައިލަބިލިޓީ ނުވަތަ ލިބެން ހުންނަ މިންވަރު 90 އިންސައްތައިން 98 އިންސައްތައަށް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި ސިޔާސަތުތަކުގެ ދަށުން ކާބަން އެމިޝަން 30 އިންސައްތައަށް ކުޑަކުރުމާއި، އައު ވިޔަފާރިތަކުން ލިބޭ އާމްދަނީ އަހަރުން އަހަރަށް 5 އިންސައްތަ އިތުރުކުރުމަށް ވަނީ އަމާޒު ހިފައިފައެވެ.
ހިއްސާދާރުންގެ ރައުސުލްމާލު ހިމާޔަތް ކުރުމަށްޓަކައި، އިކުއިޓީ 15 އިންސައްތައަށް ވުރެ ދަށް ނުކުރުމަކީވެސް މި ޕްލޭންގެ މުހިންމު ބައެކެވެ. ޝިމާދު ވިދާޅުވީ މި ލަނޑުދަނޑިތައް ހާސިލްކުރުމާއެކު ކުންފުނީގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
"މިކަންކަމުގެ ތެރެއިން ޖުމްލަ އާމްދަނީ 20 ބިލިޔަނަށް އިތުރުކޮށް ސާފު ފައިދާ 1 ބިލިޔަނަށް އިތުރުކުރުން. ﷲ އިރާދަކުރެއްވިއްޔާ އޭގެ ކުރިންވެސް މި ޓާގެޓްތަކަށް ވާސިލްވެވޭނެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ނަތީޖާ ޕަބްލިޝް ކުރިއިރު ފުރަތަމަ ކުއާޓަރގަ ގާތްގަނޑަކަށް 240 މިލިޔަން ރުފިޔާ ލިބިފައިވޭ. މިދާ ޓްރެންޑުގައި ވެއްޖެއިއްޔާ މިއަހަރުން ނުނީ އަންނަ އަހަރު ލަނޑުދަނޑި ހާސިލްވުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯއިން އަމާޒު ހިފާފައިވަނީ މިހާރު ފެންނަން ހުރި ހެޔޮ ބަދަލުތަކާއެކު، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލްވެ، ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުކުރުމަށެވެ.